ސަރުކާރުން ކައުންސިލްތަކަށް ފޯރުކޮށްދޭ ބްލޮކް ގްރާންޓް، ނުވަތަ ބަޖެޓުންދޭ ފައިސާ ބޭނުންކުރަނީ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށްތޯ ބެލޭނެ ނިޒާމެއް ގާއިމުކުރައްވާނެކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓް ފައިސާއަކީ ރައްޔިތުންނަށް އެންމެ ފައިދާވާގޮތަށް ހޭދަކުރުމަށް ދޭ ފައިސާ ކަމަށާއި އެ ފައިސާ ގާނޫނުގައި ވާގޮތަށް ރަށުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާ މަންފާއަށް ހޭދަކުރުމަކީ ކައުންސިލްގެ އެންމެ މުހިންމު ޒިންމާކަމަށެވެ.
ބައެއް ކައުންސިލްތަކުން ތަޖުރިބާ ދަތުރުގެ ނަމުގައި، ބޮޑެތި ހަރަދުތައް ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެކަމުގައި ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނެތް ބޮޑެތި އިސްރާފުތައްވެސް ހިމެނޭކަމަށެވެ. އަދި މިފަދަ ދަތުރުތަކުން ރައްޔިތުންނަށްވާ ފައިދާ އަކީ ކޮބައިތޯ ރައީސް ވަނީ ސުވާލުކުރައްވާފައެވެ. އިތުރަށް ރައީސް ވަނީ ބައެއް ކައުންސިލުތަކުން ބްލޮކް ގްރާންޓު ހަރަދު ނުކޮށް ބަހައްޓާކަން ފާހަގަކުރައްވާފައެވެ.
ކަންކަން ނުކޮށް ފައިސާ ފޮރުވާފައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ މަގުސަދު ހާސިލްވާ ކަމެއް ނޫންކަން ހާމަކުރައްވަމުން ރައީސް ވަނީ ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ސަރުކާރުން ކައުންސިލްތަކަށް ދޭ މި ފައިސާއިން ރަށުގެ ތަރައްގީއަށް ކުރެވެންހުރި ހުރިހާ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެދިވަޑައިގެންފައެވެ.