ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފޫޒެެއް ފޯރުވާފައި ނުވާނެ ކަމަށާއި އަދި އެޖެންޓެއް މެދުވެރިކޮށް އިންޒާރެއްވެސް ދެއްވާފައި ނުވާނެ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ މިރޭ ކުރިއަށްދާ "އަހާ ފޯރަމް" ގައި ޝަރުއީ ނިޒާމަށް ނުފޫޒު ފޯރަމުންގެންދަވާ ކަމަށް ބުނެ އުޝާމަށް އަމާޒުވެފައިވާ ތުހުމަތު ތަކަކަށް ރައްދު ދެއްވަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަނީ އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށާއި ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުން އުޝާމް ވިދާޅުވީ ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ނުފޫޒެެއް ފޯރުވާފައި ނުވާނެ ކަމަށާއި އެފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަން ކޮށްފައިވާނީ ފަނޑިޔާރު ހުސްނުއްސުއޫދު ކަމަށެވެ. އުޝާމް ވިދާޅުވީ ސުއޫދަކީ ސިޔާސީ ބޭފުޅެއް ކަމަށާއި ސިޔާސީ ތަފާތު ވާހަކަތައް އެ ބޭފުޅާ ދައްކަވާނެ ކަމަށެވެ. އެއްވެސް އިރަކު ތަހުގީގެއް ކޮށްފިނަމަ ޖަވާބުދާރީ ވެވޭނެ ކަމަށް އުޝާމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން އަޒްމިރަލްދާ ޒާހިރަށް އެޖެންޓެއް ފޮނުވާ އިންޒާރެއް ދިން ކަމަށް ދެކެވޭ ވާހަކަތަކަށްވެސް އުޝާމް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން އުޝާމް ވިދާޅުވީ އެފަދައިން އެއްވެސް އިންޒާރެއް ދީފައިނުވާނެ ކަމަށެވެ. އުޝާމް ވިދާޅުވީ އެއީ އަޒްމިރަލްދާ އާއި އުޝާމްގެ "ކޮމަން ފްރެންޑަކާ" ދެކެވުނު ވާހަކައެއް ކަމަށާއި ނަމަވެސް މިކަމެއް ހިނގާ ގޮސްފައިވަނީވެސް ސުޕްރީމް ކޯޓުގައި ބަލަމުންދާ މައްސަލައިގެވެސް މާ ކުރިން ކަމަށެވެ.

އުޝާމް ވަނީ އޭރުގައި ސުޕްރީމް ކޯޓުގެ ހިޔަރިން އެއް ތާވަލެއްވެސް ނުކުރާ ކަމަށާއި، އޭގެ ފަހުން މި މައްސަލައިގައި ދެ ހިޔަރިން ބޭއްވި ކަމަށް ވިދާޅުވެފައެވެ. އެއާއެކު އުޝާމް ވަނީ އެފަދައިން ނުފޫޒު ފޯރުވާ އިންޒާރު ދިން ނަމަ އެވާހަކަ އޭރު ނުދެއްކެވީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. އުޝާމް ވިދާޅުވީ އެ ބޭފުޅުންގެ ސުލޫކީ މައްސަލަ ބަލަން ފެށުމާއެކު މިފަދަ ވާހަކަތައް ދައްކަން ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

ފަނޑިޔާރު އަޒްމިރާލްދާ ވަކިކުރަން ޖޭއެސްސީން ނިންމީ، އަޒްމިރާލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކުރުމުން ބަންދުން ދޫކޮށްލުމަށް، ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްވަތު ހަބީބު މެދުވެރިކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް ޒިހުނީ އަށް ގުޅައި ނުފޫޒު ފޯރުވިކަމުގެ ތުހުމަތުގައެވެ. މި ތުހުމަތު އަޒްމިަލްދާގެ އިތުރުން ފަނޑިޔާރު މަހާޒުގެ މައްޗަށްވެސް ސާބިތުވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.