ކުވޭތުގެ ހާރިޖީ ވަޒީރު އަބްދުﷲ އަލީ އަލް ޔަހްޔާގެ ދައުވަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ޑރ. އަބްދުالله ހަލީލް އެ ގައުމަށް ވަޑައިގެންފިއެވެ.
ފޮރިން މިނިސްޓާ ހަލީލުގެ މިދަތުރުގައި ކުވެއިތުގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ކުވޭތާ ދެމެދު އުފެދިފައިވާ ޒަމާންވީ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
އަދި ދިވެހިރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ އެހީ ހޯދުމާގުޅޭގޮތުން މަޝްވަރާކުރެއްވުމަށްވެސް ހަމަޖެހިފައި ވެއެވެ.
މީގެ އިތުރުން، ކުވޭތުގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި، މިނިސްޓާ އޮފް އިންވެސްޓްމަންޓް، އަދި މިނިސްޓާ އޮފް ފިނޭންސާ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި ވިޔަފާރީ އާއި އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ރާއްޖެއަށް ކުވޭތުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ކުރެވިދާނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވާނެ ކަމަށް ހާރިޖީ ވުޒާރާއިން މައުލޫމާތު ދެއެވެ.
ކުވޭތަކީ ދިވެހިރާއްޖޭއަށް ތަރައްގީގެ ތަފާތު އެކި މަޝްރޫއުތަކަށް އެހީތެރިވެދޭ ގައުމެކެވެ.
އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫޢަށް ކުވޭތް ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އެހީތެރިކަން ފާހަގަކޮށްލެވެއެވެ. އަދި މީގެ އިތުރުންވެސް ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ދެއްވާ އެހީތެރިކަމަކީ ވެސް ފާހަގަކޮށްލެވޭ އެހީތެރިކަމެކެވެ.
މިނިސްޓާގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ހަދީޖާ ނަޖީހާ އަދި ޕޮލިޓިކަލް ޑިރެކްޓާ ފާތިމަތު ނަޝާ އިސްމާއީލް ބައިވެރިވެވަޑައިގަންނަވައެވެ.