ބަހްރެއިން އަދި ކުވޭތުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އެ ގައުމުތަކުގެ މުހިންމު އިންފްރާސްޓްރަކްޗާތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ދިން ނުރައްކާތެރި ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާތަކަކީ ބަހްރެއިން އަދި ކުވޭތުގެ ސިޔާދަތަށް އަރައިގަނެ، އެ ގައުމުތަކުގެ މިނިވަންކަމަށް ހުރަސްއެޅުމަށް ދީފައިވާ ހަމަލާތަކެއް ކަމަށެވެ. އަދި މިއީ މުޅި ސަރަހައްދީ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ސިފަކުރެއެވެ.

ދިވެހިރާއްޖޭން އަބަދުވެސް ބަހްރެއިން އަދި ކުވޭތާ އެކު ސާބިތުކަމާއެކު އޮންނާނެކަން ހާމަކުރައްވަމުން، އެ ދެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށާއި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެ ގައުމުތަކުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭން ފުރިހަމައަށް ތާއީދުކުރާނެ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ސުލްހަޔާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި، މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ. އަދި ބައިނަލްއަގުވާމީ މުޖުތަމައުން ގުޅިގެން، ސިޔާސީ އަދި ހާރިޖީ ގޮތުން ކުރަމުންދާ މަސައްކަތްތައް މިހާރަށްވުރެ ވަރުގަދަކޮށް، މަޝްވަރާގެ މަގުން މައްސަލަތަކަށް ހައްލު ހޯދުމަށް ދިވެހި ސަރުކާރުގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.