ރާއްޖޭގެ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން، އަނެއްކާވެސް އިތުރު އެއް އަހަރަށް ފަސްކޮށްދިނުމަށް އިންޑިއާއިން ނިންމައިފިއެވެ.

މީގެ ކުރިން 2024 ވަނަ އަހަރުވެސް އިންޑިއާއިން ވަނީ މި 50 މިލިއަން ޑޮލަރަށް ފައިސާ ދެއްކުން، އެއް އަހަރަށް ފަސްކޮށްދީފައެވެ. އެ އަހަރު އެކަން ވެގެން ދިޔައީ، ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިޔާގެ ފޮރިން ސެކްރެޓަރީ، ޑޮކްޓަރ އެސް ޖަޔާޝަންކަރާ ދެމެދު ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.

މި މަޝްވަރާތަކާ ގުޅިގެން ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން ފަސްކޮށްދިނުމާ ގުޅިގެން މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 50 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑަށް ފައިސާ ދެއްކުން ފަސްކޮށް ދިނުމަކީ އިންޑިއާއިން ރާއްޖެއަށް މާލީ ގޮތުން ފޯރުކޮށްދިން ވަރަށް ބޮޑު އެހީތެރިކަމެއް ކަމުގައެވެ. އަދި މިކަމުންވެސް ރާއްޖެއާއި އިންޑިއާ ދެމެދުގައިވާ ގާތް ގުޅުން ހާމަވެގެންދާ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅުވުމަށް ގެންނަ މާލީ އިސްލާހުތައް ތަންފީޒު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަބަދުވެސް އިންޑިއާގެ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ހެއްކެއް ކަމަށެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެމުން އަންނަ ދީލަތި އެހީތެރިކަން ފާހަގަކޮށް ރާއްޖެއިން ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ. އަދި ގިނަ އަދަދެއްގެ އިންފްރާސްޓްރަކްޗަރަލް ޑިވެލޮޕްމަންޓް މަޝްރޫއުތަކާއި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓަލް މަޝްރޫއުތައް އިންޑިއާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށް ދާއިރު، ގްރާންޓް އެހީގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންކަން ކުރިއަށް ދާކަމަށް ފޮރިން މިނިސްޓްރީން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގައި ހުންނަ ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް ނެގި ޓްރެޝަރީ ބޮންޑަކީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ވަނަ އަހަރުވި އެއްބަސްވުމެއްގެ ދަށުން ނެގި ޖުމްލަ 200 މިލިއަން ޑޮލަރުގެ ބޮންޑެކެވެ.