ސްރީ ލަންކާގައި ފަރުބަދަމަތިން ބަހެއް ވެއްޓި އޭގެން ދަތުރުކުރި ގިނަ ބަޔަކު މަރުވެއްޖެއެވެ.

ލަންކާގެ ނޫސްތަކާ ހަވާލާދީ ބުނެފައި ވަނީ މި އެކްސިޑެންޓް ހިނގިއިރު ބަސް ދަތުރުކުރަމުން ދިޔައީ ކަޓަރަގަމާއިން ކުރުނެގަލާއަށް ނޫރައްލިޔާ މަގުންނެވެ.

50 މީހުންނާއެކު ދަތުރު ކުރަމުންދިޔަ އެ ބަސް ފުރޮޅާލާ ފަރުބަދަމަތިން ވެއްޓިފައިވަނީ ސާފަތް ދަނޑުތަކެއްގެ މައްޗަށެވެ. މި ހާދިސާގައި ބަސް ދުއްވަން އިން ޑްރައިވަރު ހިމެނޭހެން 35 މީހުންނަށް އެކި ވަރުގެ އަނިޔާ ލިބި 21 މީހުން މަރުވެފައިވާ ކަމަށް ލަންކާގެ ނޫސްތަކާ ހަވާލާދީ ބުނެފައި ވެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު މިހާތަނަށް ދެނެގަނެވިފައި ނުވި ނަމަވެސް މިއީ މެކޭނިކަލް މައްސަލައެއްގެ ސަބަބުންތޯ ނުވަތަ ޑްރައިވަރަށް ނިދިގެން ދިމާވި ކަމެއްތޯ ޔަގީންކުރުމުގެ މަސައްކަތް އެ ގައުމުގެ ފުލުހުން ދަނީ ކުރަމުންނެވެ.

ބަސް އެކްސިޑެންޓު ވެފައިވާ މަންޒަރު ފެންނަ ފޮޓޯ ތަކާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ. އެގޮތުން އެ ފޮޓޯތަކުން ފެންނަ ފެނުމަށް ބަހަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއްވެފައެވެ. ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި ބަހުގެ ދެ ފަރާތާއި މަތިން ވެސް ނެއްޓިފައިވާއިރު ގިނަ ސީޓުތަކެއް ވެސް ވަނީ ނައްޓައިގެން ގޮސްފައެވެ.

ސްރީ ލަންކާގައި ހިނގި ބަސް އެކްސިޑެންޓުގައި ބަހަށް ގެއްލުން ވެފައި / ފޮޓޯ: އޭއެފްޕީ

މިއީ ސަރުކާރުން އޮޕަރޭޓްކުރާ ސްރީ ލަންކާ ޓްރާންސްޕޯޓް ބޯޑުގެ ބަހަކަށްވާއިރު ލަންކާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޒަހަމްވި މީހުން ވަނީ ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭ، ކައިރީގައި ހުރި ދެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.