މަތީ ތައުލީމް ހާސިލްކުރުމަށް ސަރުކާރު އެހީ ދޭ ސްކޮލަޝިޕް ސްކީމްގެ ދަށުން މި އަހަރު އޭޕްރީލް މަހުގެ ނިޔަލަށް ޖުމްލަ 157 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ، މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް 157،090،035.3 ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މި ފައިސާ ދީފައި ވަނީ ޖުމްލަ 1810 ދަރިވަރުންނަށް ކަމަށެވެ. މީގެ ތެރެއިން 157 ދަރިވަރަކު ވަނީ ކޯސް ފުރިހަމަ ކޮށްފައި ކަމަށާއި އަދި 1653 ދަރިވަރުން ދަނީ ކޯސް ފުރިހަމަ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ކޯސް ފުރިހަމަ ކުރި 157 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 94 އަންހެން ދަރިވަރުންނާއި 63 ފިރިހެން ދަރިވަރުންނެވެ. މިހާރު ކޯސް ފުރިހަމަ ކުރަމުންދާ 1653 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 967 އަންހެން ދަރިވަރުންނާއި 686 ފިރިހެން ދަރިވަރުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން މިއަހަރު އޭޕްރީލް މަހުގެ ނިޔަލަށް ހިލޭ ޑިގްރީ ސްކީމްގެ ދަށުން ސަރުކާރުން ވަނީ 51،725،772.26 ރުފިޔާ ދޫކޮށްފައެވެ. މި ފައިސާ ދޫކޮށްފައި ވަނީ ޖުމްލަ 8327 ދަރިވަރުންނަށެވެ. އެއީ 5258 އަންހެން ދަރިވަރުންނާއި 3069 ފިރިހެން ދަރިވަރުންނެވެ.

ސްޓޫޑެންޓް ލޯނު ސްކީމަށް ހުޅުވާލި އިރު، ކުރީ އަހަރެކޭ އެއްފަދައިން މިއަހަރު ވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ އިސްކަމެއް ދިނުމަށް ވަނީ ނިންމާފައެވެ. އަދި މިހާރު ކޯހުގައި ކިޔަވަމުންދާ ދަރިވަރުން ކުރަންޖެހޭ އެހެނިހެން ހަރަދުތައް ކުރުމަށް މިފަހަރުގެ ލޯން ސްކީމްގެ ތެރެއިން ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު ހިލޭ ޑިގްރީގައި ކިޔަވަމުންދާ ދަރިވަރުން ވެސް އިތުރު ހަރަދުތައް ހަމަޖެއްސުމަށް ލޯނަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި އަހަރު މިހާތަނަށް 157 މިލިއަން ރުފިޔާ މަތީ ތައުލީމް ހާސިލްކުރުމަށް ސްކޮލަޝިޕް ސްކީމްގެ ދަށޫން ދޫކޮށްފައިވާއިރު މިދިޔަ އަހަރު ތެރޭ ވަނީ 805 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައެވެ.