ބޭރު ފައިސާ މާރު ކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާ އެއްގޮތަށް ބޭންކްތަކަށް ރިސޯޓްތަކުން 214 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މާލީ ގޮތުން މިހާރު އޮތް ހާލަތު ހިއްސާ ކުރައްވާފައެވެ. އެ ގޮތުން ރިސޯޓްތަކުން މިހާރު 214 މިލިއަން ރުފިޔާ ބޭންކްތަކަށް ޖަމާކޮށްފައިވާ ކަމަށާއި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާ ކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.
މި ގޮތަށް ރިސޯޓްތަކުން އެއްބާރުލުން ދެމުން އަންނަ ނަމަ ރައްޔިތުންނަށް ވަރަށް ބޮޑެތި ފައިދާ ތަކެއް ވާނެ ކަމަށާއި އެގޮތުން ކްރެޑިޓް ކާޑުގެ ލިމިޓް އިތުރު ކުރުމާއި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ދޮލަރު ލިބޭ ލިމިޓް އިތުރު ކުރުމާއި ޓީޓީ ހެދުމަށް ފަށޭހަ ގޮތްތައް ހަމަޖއްސައި ދިނުން ފަދަ ކަންކަން ހަމަޖެހިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން މީގެ ކުރިން މިކަން ކަން ކުރައްވާނެ ކަމަށް އިއުލާން ކޮށްފައި ހުރި ދުވަސްތަކުގައި މިކަންކަން ކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ގެނައި އިސްލާހަށް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ އަމަލުކުރަން ފަށާފައިވާ އިރު، އެ ގަވައިދުގައިވާ ގޮތުގައި ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ޖެހެއެވެ. ނަމަވެސް އެ ކަން އެގޮތަށް ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ވަނީ އޭރު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއަށް ފަހު ރައްޔިތުންގެ މަޖިލީހުން ވަނީ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރުކުރުމުގެ އިހުތިޔާރު ބޭނުން ކުރެވޭ ގޮތަށް ގާނޫނު ފާސްކޮށްފައެވެ.
ސަރުކާރަށް 52 ހަފްތާ ފުރުމުގެ މުނާސަބަތުގައި މިދިޔަ ނޮވެމްބަރު 17 ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ގެނައި ބަދަލާ އެކު ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބޭނެ ފައިދާތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން 2026 ގެ ފުރަތަމަ ކުއާޓަރު ތެރޭގައި ރާއްޖެއިން ބޭރަށް ދާ ދިވެހިން އެއާޕޯޓުން 1000 ޑޮލަރު މާރުކުރެވޭނެ ގޮތަ ހަމަޖައްސާނެ ކަމަށާއި 2026 ގެ ފުރަތަމަ ކުއާޓަރު ނިންމާލާއިރު، ކްރެޑިޓް ކާޑުގެ ލިމިޓް 1400 ޑޮލަރަށް އިތުރު ކުރެވޭނ ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު 2025 ގެ މެދުތެރެއަށް ވިޔަފާރުވެރިން މުދާ އިމްޕޯޓް ކުރުމަށް ބޭންކްތަކުން ޓީޓީ ހަދަން ދޫކުރާ ލިމިޓް އިތުރުު ކުރެވޭނ ކަމަށާއި ސަރުކާރު ކުންފުނިތަކަށް ކަޅު ބާޒާރުން ޑޮލަރު ގަތުމުގެ ބަދަލުގައި ބޭންކް ރޭޓްގައި ޑޮލަރު ގަނެވޭނެ ގޮތް ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.