މާލޭ ގެއެއްގެ ފުރާޅު މައްޗަށް ޒުވާނަކު ވެއްޓުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ނުވަ މީހެއްގެ ފޯނު ފުލުހުން ހިފަހައްޓައިފިއެވެ.

ދެންމެ ފުލުހުން މީޑިއާ އަށް ފޮނުވި މެސެޖެއްގައި ބުނީ އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފޯނު ހިފެހެއްޓުމުގެ އަމުރު ނަގާފައިވާ އެންމެންގެ ފޯނު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށެވެ އެއީ ޖުމުލަ 9 މީހެއްގެ ފޯނުކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުރާޅު މައްޗަށް ވެއްޓި އަނިޔާވި ހައްވާ ޔުމްނު ރަޝީދުއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު މި މައްސަލައާއި ގުޅިގެން އެކަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އެރޭ ޔުމްނު އާއި އެކު އުޅުނު ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށް އޭނާގެ ބަންދަށް 5 ދުވަސް ޖަހާފައިވާއިރު ފުލުހުން ވަނީ އެރޭ އެ ދެމީހުންގެ މެދުގައި ހަމަނުޖެހުމެއް ހިނގި ކަމަށް ބުނެފައެވެ.

ރައުދުގެ ބަންދަށް 5 ދުވަސް ޖެހުމަށް ކޯޓުން ކުރި އަމުރުގައި މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށާއި، ޔުމްނު ވެއްޓުނު ހާދިސާއަށް ފަހު އޭގެ މާ ގިނައިރު ތަކެއް ނުވަނީސް ޔުމްނު ކޮބައިތޯ ރައުދުއާއި ސުވާލުކުރުމުން ވީތަނެއް ނޭނގޭ ކަމަށާއި، ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ރައުދު ބުނި ކަމަށް ބުނެފައެވެ.

ޔުމްނު ވެއްޓުނު މި ހާދިސާއާއި ގުޅިގެން ގިނަ އަދަދެއްގެ ޒުވާނުން އިހްތިޖާޖުކުރަމުން އަންނައިރު ޒުވާނުންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ވަކި ބަޔަކަށް ވަކި ގޮތަކަށް ފުލުހުން އަމަލު ކުރާ ކަމުގެ ތުހުމަތުގެ އިތުރުން މި ކޭސްގައި ބައިވަރު ކަންކަން ފޮރުވަން މަސައްކަތް ކުރާ ކަމަށް ބުނެފައި ވެއެވެ.