އައްޑޫ މަގުން ގަވައިދާ ހިލާފަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމުން ހިފަހައްޓައިފިއެވެ.

'އެކްސް'ގައި ކަސްޓަމުން މިއަދު ކުރި ޕޯސްޓުގައިވާ ގޮތުން، މި ތަކެތި ހިފަހައްޓާފައިވަނީ އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

މި ޕޯސްޓާއެކު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، ކަސްޓަމުން ޖުމްލަ 130،155 ސިނގިރޭޓު އިއްޔެ ހިފަހައްޓާފައިވެއެވެ. އެއީ ގާތްގަނޑަކަށް 6،508 ކުދި ސިނގިރޭޓު ފޮށްޓެވެ.

ނަމަވެސް ހިފެހެއްޓި ސިނގިރޭޓު ފުލުހުންނާ ހަވާލުކުރި ކަމެއް ނުވަތަ އެ މައްސަލައިގައި އެއާޕޯޓުން މީހަކު ހިފެހެއްޓި ކަމެއް ކަސްޓަމުން އަދި ހާމައެއް ނުކުރެއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ވެލާނާ އެއާޕޯޓްގެ ފުރާ މީހުންގެ ޓާމިނަލުން ނެރެން އުޅުނު ކޮތަޅުތަކެއްގެ ތެރެއިން ސިނގިރޭޓު ކާޓަންތަކެއް ފެނުނު މައްސަލައެއް ފެންމަތިވެފައިވެއެވެ. މި މައްސަލައިގައި ފުލުހަކާއި ސިފައިންގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މީހުން ވަނީ ފަހުން ދޫކޮށްލައިފައެވެ.