ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި މަހާޒު އަލީ ޒާހިރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައިފިއެވެ.
މި ދެ ބޭފުޅުން ޖޭއެސްސީ އަށް ހާޒިރުވާން އަންގާފައިވަނީ އާދިއްތަ ދުވަހުއެވެ. ޖޭއެސްސީން އަޒްމިރަލްދާ އާއި މަހާޒުގެ މައްޗަށް ބަލަމުންދާ އެއް މައްސަލައަކީ އަޒްމިރަލްދާގެ ފިރިކަލުން ބަންދު ކުރުމުގެ އަމުރަކަށް ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އަޒްމިރާލްދާގެ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ އަޒްމިރާލްދާގެ މައްޗަށް ތުހުމަތުކޮށްފައިވާ މައްސަލަތަކަކީ އަސްލެއް އަސާސެއްނެތި ފަނޑިޔާރުންގެ މަސައްކަތާބެހި ނުފޫޒު ފޯރުވުމަށް އުފައްދާފައިވާ ހާލަތެއް ކަމަށެވެ.
ފަނޑިޔާރުން ފާހަގަކޮށްފައިވާ ގޮތުގައި ޖިނާއި ކުށެއްގެ ތުހުމަތު ނެތި ހައްޔަރުކުރެވުނު އަޒްމިރަލްދާގެ ފިރިމީހާ ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކުރުވުމަށް ނުފޫޒު ފޯރުވިކަމަށް ބުނެ ކުރާ ތުހުމަތަކީ ހަގީގަތަކާ ހިލާފު ދޮގު ތުހުމަތެކެވެ. އަދި އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައިނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާއެކު ޖޭއެސްސީއަށް ފެބްރުއަރީ 27 ވަނަ ދުވަހު ސިޓީއަކުން ދަންނަވާފައިވާކަމަށް ފަނޑިޔާރުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ޖޭއެސްސީ އިން ޑރ. އަޒްމިރަލްދާ ހާޒިރުވާން އަންގާފައިވަނީ އާދީއްތަ ދުވަހު ހެނދުނު 11 ޖަހާއިރަށެވެ. އަދި މަހާޒު ހާޒިރުވާން އަންގާފައިވަނީ އެ ދުވަހު މެންދުރު 1 ޖަހާއިރުއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕާޓީ ބަދަލުކުރުންނާއި ޕާޓީން ވަކިކުރުމުންވެސް މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމާއެކު އެ އިސްލާހު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ހިނގަމުންދަނިކޮށް، އޭސީސީ އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށްބުނެ މިދިޔަ ހަފުތާގައި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ހުސްނުއްސުއޫދާއި، ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރުވެސް ވަނީ ސަސްޕެންޑު ކޮށްފައެވެ.
އޭގެ ފަހުން މި މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާފައިނުވާއިރު މިކަމާ ގުޅިގެން ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ.