ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ މުހިންމު ކަމެއް ކަމަށް ޑިމޮކްރެޓްސް އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން އެ ޕާޓީން މިއަދު ނެރުނު ކުރު ބަޔާނުގައި ބުނެފައި ވަނީ މިނިވަންކަމާއި ފަރުދީ ހައްގުތައް ހޯދުމުގެ އިސްލާހީ ހަރަކާތުގެ ތެރެއިން މަސައްކަތްތެރިންގެ ހައްގުގެ މުހިއްމު ބައެއް ކަންކަން މިހާތަނަށް ހާސިލްކުރެވިފައިވާ ކަމަށެވެ.

އަދި، ވަޒީފާ ނުލިބޭ މީހުންގެ ނިސްބަތް ދުވަހުން ދުވަހަށް އިތުރުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގު ދިފާއުކުރުމަށް ގޮންޖެހުންތައް ހުރިކަމަށް އެ ޕާޓީގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި ވެއެވެ.

"މިނިވަންކަމާއެކު މަސައްކަތްކޮށް އެކަށީގެންވާ އުޖޫރަ ލިބުމަކީ އިންސާނާގެ ކަރާމާތާ ގުޅިފައިވާ ކަމެކެވެ. އަޅުވެތިކަމުން ސަލާމަތްވެގެންވާ އަދި އިންސާނާގެ ކަރާމާތް އުފުލިގެންވާ މާހައުލެއް ގާއިމުކުރުމަށް ތިމާގެ ހަލާލު މަސައްކަތުން ފައިމައްޗަށް ތެދުވުމަށް ބާރުވެރިކަން ހޯދައިދޭންޖެހޭ" އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުންވެސް ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު ނެތް ގައުމަކަށް ހެދުމަށް، ދައުލަތުގެ ވަޒީފާއަދާކުރާ ފަރާތްތަކަށް އޮންނަ ވަޒީފާގެ ބިރުދެއްކުމުގެ މާހައުލު އެންމެ ފުރަތަމަ ނައްތާލުމަކީ އެހެން ހުރިހާ މަސައްކަތްތެރިންނަށް ކުރިމަތިވެފައިވާ ބިރުދެއްކުމުގެ މާހައުލު ނިމުމަކަށް ގެނައުމަށް ކޮންމެހެން މުހިއްމު ކަމެއްކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.