ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސް އާއި މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިލެކްޝަންސް ކޮމިޝަން (އީސީ) އިން އުވާލައިފި އެވެ.
އެ ކޮމިޝަނުން މިއަދު ބުނީ، މި ޕާޓީތައް އުވާލާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކުރަން ނިންމީ، ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީއެއް ދެމިއޮތުމަށް ލާޒިމުކުރާ 3،000 މެންބަރުން ހަމަކުރަން ދިން މުއްދަތުގައި މީހުން ހަމަ ނުކުރުމުން ކަމަށެވެ. އެހެންކަމުން އެމްއެލްއެސްޑީޕީ އާއި ދަ ޑިމޮކްރެޓްސް އުވާލައި އެ ދެ ޕާޓީ ސިޔާސީ ޕާޓީތަކުގެ ދަފުތަރުން އުނިކުރުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފައި ވެއެވެ.
ޑިމޮކްރެޓްސް އުފެއްދީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެއްދުނު ހިތްހަމނުޖެހުމުގެ ތެރޭގައެވެ. ނަޝީދާ އެކު، އޭރު އެމްޑީޕީގައި ތިބި އެމަނިކުފާނަށް ވަފާތެރި މެމްބަރުން ވެސް އެ ޕާޓީ ދޫކޮށް ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައި ވެއެވެ.
އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރި ނަމަވެސް ލިބިފައިވަނީ 3 ވަނަ އެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ދަ ޑިމޮކްރެޓުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ކޮށްފައި ނުވެއެވެ. އެ ދުވަސްވަރު އެމްޑީޕީން ވަކިވެ ވަޑައިގަތުމަށްފަހު އެމަނިކުފާނު ވަނީ ވަރުގަދަ ބަހުގެ ހަމަލާތަކެއް ވެސް އެމްޑީޕީއަށް ރައްދު ކުރައްވާފައެވެ.
ނަމަވެސް އޭގެފަހުން މިދިޔަ އަހަރު އެ މަނިކުފާނާއި އަރިސް ބޭފުޅުން ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
މިއަދު އުވާލި ދެވަނަ ޕާޓީ ކަމަށްވާ އެމްއެލްއެސްޑީޕީއަކީ ގާނޫނީ ވަކީލް އަބްދުﷲ ހަސީނަށް 2018 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނުން ޕާޓީ އުފައްދަން ދިން ހުއްދައިގެ ދަށުން އުފެއްދި ޕާޓީއެކެވެ.
ގާނޫނު ބުނާ ގޮތުން، ސިޔާސީ ޕާޓީއެއް ރަޖިސްޓާ ކުރުމަށްޓަކައި 3،000 މެންބަރުން ހަމަވާން ޖެހޭނެއެވެ. އަދި ދައުލަތުން ޕާޓީތަކަށް ފައިސާ ދޭނީ 10،000 މެންބަރުން ހަމަވެއްޖެ ނަމައެވެ. 3000 މެންބަރުން ހަމަކޮށް ރަޖިސްޓްރީކޮށްފައި ވީނަމަވެސް އެކި ސަބަބުތަކާ ގުޅިގެން މެންބަރުންގެ އަދަދު 3000 އަށް ވުރެ މަދުވެއްޖެ ނަމަ ޖެހޭނީ އެ ޕާޓީއެއް އުވާލާށެވެ.
