އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް މިއަދު ފިނޭންސް މިނިސްޓްރީން ހުށަހަޅާއިފިއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިޔާ އެގްޒެކެޓިވް މުހައްމަދު ޝަނޫނު ވިދާޅުވީ، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ބަޖެޓާ ގުޅޭ އިތުރު ތަފްސީލެއް އެފަރާތުން ހާމައެއް ނުކުރައްވައެވެ.
ދައުލަތުގެ މާލިއްޔަތުގެ ގާނޫނުގެ 32 ވަނަ މާއްދާގެ ހ ގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ކޮންމެ މާލީ އަހަރަކަށް އެކުލަވާލެވޭ ދައުލަތުގެ ބަޖެޓް މާލީ އަހަރު ފެށުމުގެ އެންމެ ލަސްވެގެން ދެ މަސްދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެކަމަށެވެ.
ފިނޭންސް މިނިސްޓްރީން އާންމު ކުރި ފިސްކަލް އެންޑް ޑެޓް ސްޓްރެޓެޖީ ރިޕޯޓުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ޖުމްލަ ބަޖެޓުގެ 39.5 ބިލިއަން ރުފިޔާ ހުންނާނެ ކަމަށް އަންދާޒާ ކޮށްފައިވާ އިރު ހަރަދު ގޮތުގައި 37 ބިލިއަން ރުފިޔާ އަންދާޒާ ކޮށްފައި ވެއެވެ. މީގެ އިތުރުން 2022 ވަނަ އަހަރު ސޮވެރިން ބޮންޑް އަނބުރާ ދައްކަން ޖެހުމާއެކު އެ އަހަރުގެ ޖުމުލަ ބަޖެޓު އިތުރުވެފައިވީ ނަމަވެސް، ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް ހިނގާނެ ހަރަދު ދަށްކުރަމުން ދިއުމާ ގުޅިގެން ދައުލަތުގެ ހަރަދު 2020 ވަނަ އަހަރާ އެއް މިންގަނޑެއްގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ރިޕޯޓުގައި ވެއެވެ. އަދި ބަޖެޓް ޑެފިސިޓް ނުވަތަ ދަރަނީގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ އަންދާޒާ ކުރެވޭއިރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައިި 30.7 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައި ވެއެވެ.
2020 ވަނަ އަހަރު ދައުލަތުގެ ބޭސްލައިން ރިކަރަންޓް ހަރަދުގެ ގޮތުގައި 20 ބިލިއަން ރުފިޔާ ހޭދަ ވާނެ ކަމަށް ފިނޭންސްއިން ވަނީ ލަފާކޮށްފައެވެ. އަދި ބޭސްލައިން ކެޕިޓަލް ހަރަދުގެ ގޮތުގައި ހޭދަވާނެކަމަށް ބަލާފައި ވަނީ 11 ބިލިއަން ރުފިޔާއެވެ.