ރަށުގެ ހަމަހިމޭން މަގުމަތީގައި ހިނގާފައި ދާއިރުވެސް، ނުވަތަ ގޭގެ ސިޓިންރޫމުގައި އާއިލާއާއެކު ތިބޭއިރުވެސް، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނެއްގެ ވާހަކަ ނުދެކެވޭ ދުވަހެއް މަދެވެ. ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމަށް އެންމެ ފަހުން ގައުމީ ފެންވަރުގެ ސާވޭއެއް ކުރިތާ 14 އަހަރު ވެފައިވާއިރު، މި ވަބާއިން ސަލާމަތްވުމަށް ބޭނުންވާ އަދާހަމަ ތަފާސްހިސާބުތައް ދިވެހިރާއްޖޭގައި އަދިވެސް ނެތެވެ. ގާނޫނު ތަންފީޒުކުރުމަށާއި ފަރުވާ ދިނުމަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރި ނަމަވެސް، މަސްތުވާތަކެއްޗަށް ދެވިހިފާފައި ވަނީ ކިތައް މީހުންކަމާއި، ފަރުވާއަށްފަހު އަނބުރާ އެ ވަބާއަށް ވަންނަނީ ކިތައް މީހުންކަން ސާފުކޮށް އެނގޭނެ ގޮތެއް ނެތެވެ. އޮންނަނީ އަންދާޒާއެކެވެ.

ފާއިތުވި އަހަރުތަކުގައި އައި އެކި ސަރުކާރުތަކުން ވެސް މި މައްސަލައަށް އަޅާނުލައި ދޫކޮށްލާފައެއް ނުވެއެވެ. އާ ސިޔާސަތުތައް ތައާރަފުކޮށް، ގާނޫނުތައް ހަރުދަނާކޮށް، ރިހެބިލިޓޭޝަންގެ ހިދުމަތްތައް ފުޅާކުރުމުގެ އިތުރުން ތަންފީޒީ އިދާރާތަކަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ. އެހެންނަމަވެސް، ދިހަވަރަކަށް އަހަރު ފާއިތުވެގެން ދިޔައިރުވެސް، ދިވެހިރާއްޖެއަށް އަދިވެސް ޖަވާބު ނުލިބި ހުރީ ހަމަ ކުރިންވެސް އޮތް އަސާސީ ސުވާލުތަކަށެވެ. ކުދިން އެންމެ ފުރަތަމަ މަސްތުވާތަކެއްޗަށް ހުށަހެޅެނީ ކޮން އުމުރެއްގައި ހެއްޔެވެ؟ ފަރުވާ ފުރިހަމަކޮށްގެން ހަގީގަތުގައިވެސް މުޖުތަމައަށް އަނބުރާ ނުކުމެވެނީ ކިތައް މީހުންނަށް ހެއްޔެވެ؟ މިއީ ހަމައެކަނި ކަރުދާހުގައި ލިޔެލާ ހިސާބުތަކެއް ނޫނެވެ؛ މިއީ ދައުލަތުގެ ބަޖެޓުން ހޭދަކުރާ އެތައް މިލިއަން ރުފިޔާއަކުން ދެމެހެއްޓެނިވި އިޖުތިމާއީ ނަތީޖާއެއް ނުކުމޭތޯ ބެލުމަށް ކޮންމެހެން ބޭނުންވާ މައުލޫމާތެވެ.

މާލެއަށް އެކަނި އޮތް މައްސަލައެއް ނޫން

މަސްތުވާތަކެތި ބޭނުންކުރުމާ ގުޅޭގޮތުން 2011 އަދި 2012 ގައި ކުރި ފުރަތަމަ ގައުމީ ސާވޭއިން ދައްކާ ގޮތުގައި، މުޅި ގައުމުގައި 7،496 މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. އޭގެ ތެރެއިން 4،342 މީހުން މާލޭގައި އުޅޭއިރު، 3،154 މީހުން ނުވަތަ ގާތްގަނޑަކަށް 42 އިންސައްތަ މީހުން ދިރިއުޅެނީ އަތޮޅުތަކުގައެވެ. އެ ސާވޭގައި 15 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންގެ މެދުގައި މި މައްސަލަ ބޮޑުކަން ފާހަގަކޮށްފައި ވާއިރު، އަންހެނުންގެ މެދުގައި މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ދެނެގަތުމަށް ދަތިތަކެއް ހުރިކަންވެސް ވަނީ ބަޔާންކޮށްފައެވެ.

މިއީ ހަމައެކަނި މާލެއަށް ކުރިމަތިވެފައިވާ މައްސަލައެއް ނޫންކަން މި ހިސާބުތަކުން ސާފުވެއެވެ. ކުދި ރަށްތަކުގައި ނަފްސާނީ އެހީތެރިކަމާއި ހާއްސަ ފަރުވާ ލިބުން ދަތިވުމަކީ އާއިލާތަކަށް އޮތް ބޮޑު ތަކުލީފެކެވެ. މިކަމަށް ހައްލެއް ހޯދުމަށް، ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި ރިހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކުރުމަށާއި، މުޖުތަމައުގެ ތެރޭގައި ތިބެގެން ފަރުވާ ދޭނެ ނިޒާމެއް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖެނުއަރީ 2، 2024 ގައި ވަނީ ނިންމަވާފައެވެ.

މި ނިންމެވުމާ އެއްގޮތަށް، ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. ގަމުގައި މި ސެންޓަރުތައް އިމާރާތްކުރުމުގެ މަސައްކަތް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން 29 މާޗް 2025 ގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފައިވާ ކަމަށް 'ދަ ޕްރެސް' ހިމެނޭހެން އެހެން ނޫސްތަކުގައި ލިޔެފައިވެއެވެ.

އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދު ވިދާޅުވާ ގޮތުން، މީގެ ތެރެއިން ވެލިދޫ ސެންޓަރުގެ މަސައްކަތް ނިންމައި މުވައްޒަފުން ނަގައިގެން 2026 ގެ ނިޔަލަށް ހިދުމަތް ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކާށިދުއާއި ލ. ގަމުގައި ގާއިމުކުރާ ދެ މަރުކަޒުގެ މަސައްކަތް 2027 އަށް ނިންމުމަށް ސަރުކާރުން އަމާޒުހިފާފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ރަށްތައް އުފެދި އެތުރިފައިވާ ގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހުރިހާ ވަސީލަތެއް ހަމަވެފައިވާ ރިހެބިލިޓޭޝަން މަރުކަޒެއް ގާއިމުކުރުމަކީ ސަރުކާރުތަކަށް އޮތް ގޮންޖެހުމެކެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރު ރާއްޖޭގެ 120 ރަށެއްގެ ސިއްހީ މަރުކަޒުތައް މެދުވެރިކޮށް ކޮމިއުނިޓީ ފަރުވާ ދެވޭނެ އިންތިޒާމު ޑރ. މުއިއްޒުގެ ސަރުކާރުން ގާއިމުކޮށްފައި ވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ބައެއް ރަށްރަށުގެ ހިދުމަތްތެރީންގެ ފަރާތުން ސާފުވާ ގޮތުގައި މިއީ ފޮތުގައި އޮންނަ އަދަދެކެވެ. ހިދުމަތް ދޭނެ ތަމްރީނު ސްޓާފުން ނެތުމާއި ބޭހާއި އެހެނިހެން ވަސީލަތް ނެތުމުގެ ގޮންޖެހުންތައް އޮތީ އޮތް ގޮތަށެވެ.

ދިރުމެއް ނެތި ވީރާނާވަމުންދާ ރަށުތެރޭގެ ގެއެއްގެ އޮޅިގަނޑެއްގެ މަތީގައި ޒުވާނަކު އިށީދެލައިގެން

ޖިނާއީ އަދުލުގެ ނިޒާމަށް އޮތް ބުރައާއި ފަރުވާގެ ގޮންޖެހުންތައް

މިނިސްޓްރީ އޮފް ހެލްތާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ވޯލްޑް ހެލްތު އޯގަނައިޒޭޝަން - ޑަބްލިއުއެޗްއޯ) ގުޅިގެން 2021 ގައި ނެރުނު ދިރާސާއިން ހާމަވާ ގޮތުގައި، މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރުކުރާ މީހުންގެ އެވްރެޖް އުމުރު ވަނީ 2015 ގައި ހުރި 27.7 އަހަރުން 2020 ގައި 31.3 އަހަރަށް މަތިވެފައެވެ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާ ގޮތުގައި 2024 ގައި މަސްތުވާތަކެތި ބޭނުންކޮށްގެން 254 މީހުން ހައްޔަރުކޮށްފައި ވެއެވެ. ނަމަވެސް 2022 ގެ ބޯހިމެނުމުން ގައުމުގެ އާބާދީގެ ހަތަރުބައިކުޅަ އެއްބަޔަކީ ބިދޭސީންކަން އެނގުނު ނަމަވެސް، ބިދޭސީންނާއި، އަންހެނުން އަދި ފުރާވަރުގެ ކުދިންގެ މެދުގައި މި މައްސަލަ އޮތް މިންވަރުގެ އާ ތަފާސްހިސާބުތަކެއް ފެންނާކަށް ނެތެވެ.

އަހަރު އެވްރެޖް އުމުރު

2015 27.7 އަހަރު

2020 31.3 އަހަރު

ތަފާތު 3.6 އަހަރު

ހައްޔަރުކުރާ މީހުންގެ އެވްރެޖް އުމުރު 3.6 އަހަރުން މަތިވެފައިވާ ކަމަށް ދައްކާ މި ހިސާބުތަކުގެ ފަހަތުގައި އެކި ސަބަބުތައް އެބަހުއްޓެވެ. ކުރީއްސުރެ މަސްތުވާތަކެތި ބޭނުންކުރަމުން އައި ޖީލުގެ އުމުރު ދޮށީވަމުން ދިޔުމާއި ގާނޫނު ތަންފީޒުކުރުމުގައި އިސްކަންދޭ ކަންކަމަށް އައި ބަދަލު ހިމެނެވެ. ނަމަވެސް ހަމައެކަނި މި ހިސާބުތަކަށް ބަލައިގެން، އަލަށް މަސްތުވާތަކެތި ބޭނުންކުރަން ފަށާ ފުރާވަރުގެ ކުދިންގެ އަދަދު މަދުވެއްޖެ ކަމަށް ނިންމޭކަށް ނެތެވެ. ހައްޔަރުކުރެވޭ މީހުންގެ ބޮޑު ބަޔަކީ އެތައް އަހަރެއް ވަންދެން މި ވަބާގައި ތާށިވެފައި ތިބި މީހުން ކަމަށްވާނަމަ، މީހުން މި ވަބާއަށް ވަންނަ ގޮތުގެ އިތުރުން، އެ މީހުންނަށް މި ދާއިރާއިން ނުނިކުމެވި ތާށިވެފައި ތިބެންޖެހޭ ސަބަބުތައްވެސް ގައުމީ ފެންވަރުގައި ދިރާސާކުރަންޖެހެއެވެ.

މީގެ އިތުރުން، 2011 އިން 2020 އަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އަށް ހުށަހެޅުނު 10،031 މައްސަލައިގެ ތެރެއިން 4،370 މައްސަލައަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ކަމަށް 2021 ގެ ދިރާސާގައި ބަޔާންކޮށްފައި ވެއެވެ. ޑްރަގް ކޯޓުން ބުނެފައިވާ ގޮތުގައި ފަރުވާ ފުރިހަމަކުރި 5،148 މީހުންގެ ތެރެއިން 18 އިންސައްތަ މީހުން ވަނީ އަލުން ކުށުގެ ވެއްޓަށް އެނބުރި ގޮސްފައެވެ. އަދި ނަފްސާނީ ފަރުވާ ދޭނެ މާހިރުން މަދުވުމުގެ ސަބަބުން ފަރުވާގެ ފެންވަރު ދަށްވެ، ފަރުވާ ހޯދާ ގާތްގަނޑަކަށް އެންމެން ކަހަލަ ގޮތަކަށް ތަކުރާރުކޮށް ރިހެބިލިޓޭޝަނަށް ދާންޖެހޭ ކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބުނެފައިވާ ކަމަށް އެޑިޝަންއިން ރިޕޯޓުކޮށްފައި ވެއެވެ.

ޑްރަގް ކޯޓުގެ މާޗް 2026 ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެ ކޯޓުން ރިހެބިލިޓޭޝަން ފަރުވާއަށް އަމުރުކޮށްފައިވާ މީހުންގެ ތެރެއިން ފަރުވާ ނުފެށި 698 މީހުން ތިބިއިރު، މި ވަގުތު ފަރުވާގައި ތިބީ 223 މީހުންނެވެ. ފަރުވާ ނުފެށި ތިބި މީހުންގެ ތެރޭގައި އަމުރު ނެރުނުތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ 427 މީހުންނާއި، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއް ވެފައިވާ 131 މީހުންނާއި، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ 26 މީހުން ހިމެނޭ ކަމަށް އެ ކޯޓުގެ ހިސާބުތަކުން ދައްކައެވެ.

މި އަދަދުތަކުގެ އަސަރު ހަމައެކަނި ޖިނާއީ އަދުލުގެ ނިޒާމަކަށް ނުހުއްޓެއެވެ. ކުށުގެ ވެއްޓަށާއި ޖަލުގެ ނިޒާމަށް ތަކުރާރުކޮށް ވަންނަ ކޮންމެ މީހަކީ ތަހުގީގު ކުރުމަށާއި، ދައުވާ އުފުލުމަށާއި، ޖަލުގައި ބެހެއްޓުމުގެ އިތުރުން އަލުން ފަރުވާ ދިނުމަށް ދައުލަތުން ކުރަންޖެހޭ ބޮޑު ހޭދައެކެވެ. ފަރުވާގެ ނިޒާމު ފުރިހަމަ ނުވެ، އެއް ބަޔަކު ތަކުރާރުކޮށް ނިޒާމުގެ ތެރޭގައި އެނބުރެންޖެހުމަކީ މުޅި ދައުލަތުގެ ވަސީލަތްތަކަށް އެޅޭ ބޮޑު ބުރައެކެވެ.

މަސްތުވާތަކެތި ބޭނުން ކުރާ މިންވަރު ދައްކައިދޭ ސާވޭގެ ނަތީޖާ

ހަމައެކަނި ގާނޫނު ތަންފީޒުކޮށްގެން މި މައްސަލަ ހައްލުނުވާނެ ސަބަބު

މަސްތުވާތަކެތި ލިބެން ހުންނަ މަގުތައް ބަންދުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އިންތިޒާމުވެގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ވިއުގަތަކުން ނާޖާއިޒު ފައިދާ ނަގަނީ މި ވަބާގައި ޖެހިފައިވާ ނިކަމެތިންގެ ފަރާތުންނެވެ. އެހެންނަމަވެސް، މަސްތުވާތަކެތީގެ ވިޔަފާރި ހިނގާ ގޮތް ހަމައެކަނި އެ ތަކެތި އެތެރެވާ މިންވަރަށް ބަލައިގެން ދެނެއެއް ނުގަނެވޭނެއެވެ. މުޖުތަމައުގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ނުވަތަ ބޭނުންކުރާ މީހުންގެ އަދަދު މަތިކޮށް އޮތްހާ ހިނދަކު، އެ ތަކެތި ފޯރުކޮށްދޭނެ އެހެން މަގުތައް ހޯދުމަށް ކުށްވެރިންނަށް މާލީ ގޮތުން ހިތްވަރު ލިބެއެވެ. އެހެންކަމުން، ވަކިވަކި ވިޔަފާރިވެރިން ހައްޔަރުކުރުމުން ވަގުތީ ގޮތުން އެ ތަކެތި ބެހުމަށް ބުރޫއެރި ނަމަވެސް، އޭގެ އަސްލު ބާޒާރު އެއްކޮށް ނައްތައެއް ނުލެވެއެވެ.

މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ދަށްކުރުމަށްޓަކައި، މީހުން އެންމެ ފުރަތަމަ މި ވަބާއަށް ވަންނަން މެދުވެރިވާ ހާލަތްތަކާއި، ފަރުވާ ހޯދައިގެން އަނބުރާ އާންމު ދިރިއުޅުމަށް އައުމަށް ހުރި ހުރަސްތައް ދެނެގަންނަން ޖެހެއެވެ. ކުޑައިރު ދިމާވާ ހިތާމަވެރި ކަންކަމާއި، ނަފްސާނީ ދަތިތަކާއި، ރައްޓެހިންނާއި އިޖުތިމާއީ ވިއުގަތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް ހުށަހެޅުމާއި، ތައުލީމީ ނިޒާމުން ބާކީވުމުގެ އިތުރުން ފަރުވާ ލިބުމުގައި ހުރި ދަތިތަކަކީ މި ވަބާއަށް މަގުފަހިކުރުވާ ކަންކަމެވެ. އެހެންކަމުން، ހަމައެކަނި އަދަބު ދިނުމުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކަށައެޅުމުން، މި މައްސަލައިގައި ހިމެނޭ ސިއްހީ އަދި އިޖުތިމާއީ ފަޅިއަށް އިހުމާލުވެވުމުގެ ފުރުސަތު ބޮޑުވެއެވެ.

މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި އެ ތަކެއްޗަށް ދެވިހިފާފައިވާ މީހުން ތަފާތުކޮށް، ފަރުވާއަށްފަހު ވަޒީފާއާއި ނަފްސާނީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދޭން ޖެހެއެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތުގެ ހަގީގީ ކާމިޔާބީއަކީ ހައްޔަރުކުރާ މީހުންގެ އަދަދު އިތުރުވުމެއް ނޫނެވެ. އެއީ މި ވަބާއަށް އަލަށް ވަންނަ މީހުން މަދުވެ، ފަރުވާއަށްފަހު އަމިއްލަ ފައިމައްޗަށް ތެދުވެ ދިރިއުޅުން އާރާސްތުކުރާ މީހުންގެ އަދަދު އިތުރުވުމެވެ.

މަރުކަޒަކުން ފަރުވާ ނިންމާފައި ނުކުންނަ ދުވަހަކީ އިމްތިހާނު ނިމޭ ދުވަހެއް ނޫނެވެ. އެއީ އަސްލު އިމްތިހާނު ފެށޭ ދުވަހެވެ. މުޖުތަމައުއިން އެ މީހުން ބަލައިގަންނަ ގޮތާއި، އާމްދަނީ ހޯދާނެ ހަލާލު މަގެއް ފަހިވެފައި އޮތުމާއި، ދިމާވާ ނަފްސާނީ ފިއްތުންތަކުގައި އެހީތެރިވާނެ ނިޒާމެއް އޮތުމަކީ އެ މީހުން އަނބުރާ މަސްތުވާތަކެތީގެ ތެރެއަށް ދިއުމުން ސަލާމަތްކޮށްދޭނެ މައިގަނޑު ތަނބުތަކެވެ. ގައުމީ ފެންވަރުގައި ގަވާއިދުން އަދާހަމަކުރާ ތަފާސްހިސާބުތަކާއި ދިރާސާތަކުގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ބައްޓަން ނުކުރެވޭހާ ހިނދަކު، ދިވެހިރާއްޖެއަށް މި ވަބާގެ ސައިކަލް ފޫއަޅުވާލުމަކީ ދަތި ކަމަކަށް ވާނެއެވެ.