އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ މައި ވާދަވެރިޔާ ގަދީ އައިޒެންކޮޓަށް ބޮޑުވަޒީރުކަމުގެ މަގާމު ދައުރުކުރާ ގޮތަށް ހަދަން ހުށަހަޅައިފިއެވެ. އަލްޖަޒީރާއިން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި، ގައުމުގެ ކުރިއަށް އޮތް ސަރުކާރު އެކުލަވާލުމާ ގުޅޭ މި ހުށަހެޅުމުގައި ލިކޫޑް ޕާޓީގެ ލީޑަރު ނަތަންޔާހޫ ސީރިއަސްތޯ ބެލުމަށް ވަގުތުން މަޝްވަރާތައް ފެށުމަށް އައިޒެންކޮޓް ވަނީ ހުށަހަޅާފައެވެ.
އައިޒެންކޮޓް ނެރުނު ބަޔާނެއްގައި ބުނީ، ހަގީގީ އެއްބައިވަންތަކަމަކަށް ލިކޫޑް ޕާޓީން ތައްޔާރަށް އޮތް ނަމަ، 24 ގަޑިއިރުގެ ތެރޭގައި އެ ޕާޓީގެ ސީރިއަސްކަން ހުރި މިންވަރު ބެލުމަށް ތައްޔާރަށް ހުރި ކަމަށެވެ. އަދި އަސާސީ އުސޫލުތަކާއި ސިޔާސަތުތަކާ ގުޅޭ ގޮތުން ހަގީގީ އަދި އަވަސް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް އޭނާއާއެކު ބައިވެރިވުމަށް ނަތަންޔާހޫއަށް ދައުވަތު ދީފައިވެއެވެ. މި މަޝްވަރާތައް ބިނާވެފައިވަނީ ކުރިން ނަތަންޔާހޫއަށް ފޮނުވާފައިވާ، ނަމަވެސް އޭނާ އަދި ޖަވާބެއް ދީފައި ނުވާ ހުށަހެޅުމެއްގެ މައްޗަށް ކަމަށްވެސް އައިޒެންކޮޓް ބުންޏެވެ. މިއާ ގުޅިގެން ލިކޫޑް ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ، ކޯލިޝަން މަޝްވަރާތަކަށް މިއަދު ހެނދުނު އައިޒެންކޮޓާ ނަތަންޔާހޫ ބައްދަލުކުރާނެ ކަމަށެވެ.
އައިޒެންކޮޓަކީ މެދުމިނުގެ ޔަޝާރު ޕާޓީގެ ލީޑަރަށް ވާއިރު، އާ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް އިޒްރޭލުގެ ރައީސް ވަނީ އޭނާއާ ހަވާލުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނީ، އެއްބައިވަންތަކަމުގެ ސަރުކާރެއްގެ ދަށުން ބޮޑުވަޒީރުކަން ދައުރުކުރާ އެއްބަސްވުމެއްގައި، ފުރަތަމަ ބޮޑުވަޒީރުކަން އައިޒެންކޮޓް ކުރުމަށް އެއްބަސްވުމަށް ތައްޔާރަށް ހުރި ކަމަށެވެ. ގާނޫނުހަދާ މަޖިލީހުގައި ޔަޝާރު ޕާޓީއަށް ވުރެ ގިނަ ގޮނޑި ލިކޫޑް ޕާޓީއަށް ލިބިފައިވާތީ، ތަބީއީ ގޮތުން އެއްބައިވަންތަކަމުގެ ސަރުކާރުގައި އިސްކޮށް ހުންނަން ޖެހޭނީ އޭނާ ކަމަށް ވިޔަސް، މި ފަހަރު އެ އުސޫލު ދޫކޮށްލުމަށް ތައްޔާރަށް ހުރި ކަމަށް ނަތަންޔާހޫ ބުންޏެވެ. އަދި ކުރިމަތިވެފައިވާ ނުރައްކަލުގެ ބޮޑުކަމާއި، އެކަމާ ކުރިމަތިލުމުގެ ގާބިލުކަން ނެތް ސަރުކާރެއް އުފެދިދާނެ ކަމުގެ ފުރުސަތު އޮތުމުން، ލީޑަރެއްގެ ހައިސިއްޔަތުން އޭނާގެ ޒިންމާއަކީ އެންމެ ބޮޑު ޕާޓީގެ އުސޫލު ހިމެނޭހެން ހުރިހާ ކަމެއް އެއްފަރާތްކޮށް، ދައުރުގެ ފެށުމުގައި ބޮޑުވަޒީރުކަން އައިޒެންކޮޓް ކުރުމަށާއި އޮލްޓަނޭޓް ބޮޑުވަޒީރުގެ މަގާމު އޭނާ ފުރުމަށް އެއްބަސްވުން ކަމަށްވެސް ނަތަންޔާހޫ ފާހަގަކުރިއެވެ.
މިދިޔަ ހުކުރު ދުވަހު އައިޒެންކޮޓް ބުނެފައިވަނީ، އިތުރު 14 ދުވަހުގެ މުއްދަތެއް ހޯދުމުގެ އިހުތިޔާރު ބޭނުން ނުކޮށް، ރަސްމީ ސުންގަޑި ކަމަށްވާ ޑިސެންބަރު 6 ގެ ކުރިން އިޒްރޭލުގެ އާ ސަރުކާރު އިއުލާންކުރާނެ ކަމަށެވެ. އަދި އާ އިންތިހާބަކަށް ދިއުމުގެ ބޭނުމުގައި ކޯލިޝަން މަޝްވަރާތައް ނަތަންޔާހޫ ލަސްކުރަމުން ގެންދާ ކަމަށްވެސް އައިޒެންކޮޓް ތުހުމަތުކުރިއެވެ. މިދިޔަ އޮކްޓޫބަރު 27 ގައި ބޭއްވި އިންތިހާބުގައި އެއްވެސް ފަޅިއަކަށް ސާފު އަގުލަބިއްޔަތެއް ލިބިފައެއް ނުވެއެވެ. ޖުމުލަ 120 ގޮނޑި ހިމެނޭ ގާނޫނުހަދާ މަޖިލީހުގައި ނަތަންޔާހޫއާއި އޭނާގެ ކަނާއަތު ފިޔައިގެ އަދި އަލްޓްރާ އޮތޮޑޮކްސް ޕާޓީތަކުގެ އިއްތިހާދަށް 53 ގޮނޑި ލިބުނުއިރު، އައިޒެންކޮޓާއި އޭނާއަށް ތާއީދުކުރާ ކަމަށް ބެލެވޭ ޕާޓީތަކަށް ލިބުނީ 48 ގޮނޑިއެވެ.
ނަތަންޔާހޫގެ މި ހުށަހެޅުމާއެކު، އޭނާއާއެކު އެއްބައިވަންތަކަމުގެ އެއްވެސް ފޯމިއުލާއަކަށް ދިއުމާ ފާޅުގައި ދެކޮޅުހަދާ ޑިމޮކްރެޓްސް ގްރޫޕުގެ ލީޑަރު ޔައީރު ގޯލާން ވަނީ އެ ހުށަހެޅުން ގަބޫލު ނުކޮށްފައެވެ. އެކްސްގައި ކުރި ޕޯސްޓެއްގައި ގޯލާން ބުނީ، މަކަރުވެރި އުކުޅުތައް މިހާރު ފުދިއްޖެ ކަމަށާއި ނަތަންޔާހޫ ބަލިވެއްޖެ ކަމަށެވެ. އަދި ވޯޓުލީ މީހުންގެ ނިންމުމަށް އިހުތިރާމުކޮށް، ބަދަލާއި ސަލާމަތުގެ ސަރުކާރެއް އެކުލަވާލުމަކީ އެ މީހުންގެ ވާޖިބެއް ކަމަށް ބުންޏެވެ. މީގެ އިތުރުން އަރަބި ޕާޓީތަކުގެ އިއްތިހާދެއް ކަމަށްވާ ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބާރީން އެކްސްގައި ބުނީ، ސަރުކާރު ބަދަލުވުން ހުއްޓުވުމަށް ނަތަންޔާހޫ މަސައްކަތްކުރާ ކަމަށެވެ. އަދި ލޭ އޮހޮރުވުމާއި އިހުމާލުން ފުރިފައިވާ މި ސަރުކާރު ދާންޖެހޭ ކަމަށް ޑިމޮކްރެޓިކް އަގުލަބިއްޔަތުން ނިންމާފައިވާ ކަމަށާއި، ޔަހޫދީންނާއި އަރަބީން ހިމެނޭހެން މުޅި ރައްޔިތުންގެ އެދުން ފުރިހަމަކޮށް، ހަމަ މި ހަފުތާގައި ނަތަންޔާހޫ މަގާމުން ދުރުކުރަން ޖެހޭ ވަގުތު ޖެހިއްޖެ ކަމަށްވެސް ޖަބާރީން ބުންޏެވެ.
