ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ ތަރައްގީގެ އެންމެހައި މަޝްރޫއުތައް ބާރުދުވެލީގައި ނިންމުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރޭ ކުރިއަށްދިޔަ ސަރުކާރުގެ "އަހާ" ފޯރަމްގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 1،273 ތަރައްގީގެ މަޝްރޫއެއްގެ އަމަލީ މަސައްކަތް އެއްބަސްވުންތަކާ އެއްގޮތަށް ދަނީ ހިނގަމުންނެވެ. އަދި ބޭރު ދުނިޔޭގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން މެޓީރިއަލްސް ލިބުމުގައި ދިމާވި ދަތިތަކުގެ ސަބަބުން ބަނދަރު ހެދުމުގެ ބައެއް މަސައްކަތްތަކަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައި ނަމަވެސް، އެ މަޝްރޫއުތައް ހުއްޓުމަކަށް ނައިސް ކުރިއަށް ގެންދިއުމަށް މިނިސްޓްރީގެ ހާއްސަ ޓީމަކުން މެދުނުކެނޑި މޮނީޓާ ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދައުލަތުން ގެންގުޅޭ މައިގަނޑު އުސޫލަކީ، ކަމާބެހޭ ވުޒާރާތަކާ ގުޅިގެން އެންމެ މުހިންމު ކަންކަން ތަރުތީބުކޮށް، ފައިސާ ހަމަޖެހޭ މިންވަރަކުން ކަންކަން ތަންފީޒު ކުރުން ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ބަޖެޓުން ޕީއެސްއައިޕީއަށް ކަނޑައެޅި 8.3 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް 4.8 ބިލިއަން ރުފިޔާ ވަނީ އެކި މަސައްކަތްތަކަށް ދޫކުރެވިފައެވެ.

މީގެއިތުރުން، ގައުމުގެ މާލީ ހާލަތު ހަމަމަގަށް އެޅުވުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި ނުދައްކާ މިންވަރަށް، މި ވެރިކަމުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެކަނިވެސް 1.42 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ސަރުކާރުން ދައްކައި ހަލާސްކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ރާއްޖެއާ މެދު ދެކޭގޮތް ބަދަލުވެ، ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޒަރީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ބައެއް ކުންފުނިތައް އެއްކޮށްލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ހަރުދަނާ ނިންމެވުމާއެކު، ސަރުކާރުގެ މިސްރާބު ހުރީ އިތުރު ސަޕްލިމެންޓަރީ ބަޖެޓަކަށް ނުގޮސް، ފާސްކޮށްފައިވާ އަހަރީ ބަޖެޓުގެ ތެރެއިން ހުރިހާ ކަމެއް ފުރިހަމައަށް ބަލަހައްޓައި ނިންމާލުމަށެވެ.