ކ. މާފުށީގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާފުށީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި މި މަހު 16 ވަނަ ދުވަހުއެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން، ސަމޭދާން / ހދ. ކުޅުދުއްފުށި، ނަބީހު އަބްދުއްރަޝީދު (23އ)ކަމަށެވެ. އޭނާ ހައްޔަރުކޮށް، މާފުށީގައި އޭނާ ދިރިއުޅެމުންދިޔަ ގެ ބަލައިފާސްކުރިއިރު 42 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން ނަބީހުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަށްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ދިވެހިރާއްޖޭގެ ގާނޫނު އޮންނަ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުމާއި، ބޭނުންކުރުމަކީ މަނާ ކަމެކެވެ. އެހެންކަމުން، މާފުށީގެ އެއްވެސް ގެސްޓް ހައުސް އަކުން، ރެސްޓޯރެންޓަކުން، ނުވަތަ ފިހާރައަކުން ބަނގުރަލެއް ނުލިބޭނެއެވެ. ނަމަވެސް، ފަތުރުވެރިންނަށް ހާއްސަކޮށްގެން މާފުށީ ކައިރި ކަނޑުގެ ސަރަހައްދުގައި ބަނގުރާ ވިއްކާ ހާއްސަ އުޅަނދުފަހަރު ބާއްވައިފައި ހުރެއެވެ.