ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ އުމްރާގެ އަޅުކަމަށް ހާއްސަކޮށްގެން، އައްޑޫ ސިޓީ ގަމުން ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ސީދާ އުމްރާ ދަތުރުތަކެއް ފެށުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފިއެވެ.

މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް، މާލެ ދަތުރުކުރަން ނުޖެހި ފަސޭހަކަމާއެކު ދަތުރުކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުމުގެ ގޮތުން އެ ކޯޕަރޭޝަނުން އިންތިޒާމުކުރާ ހާއްސަ ދަތުރެއްކަމަށް ހައްޖު ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު 15 އަށް ހާއްސަކޮށްގެން ބާއްވާ ފްލައިޓް އޮންނާނީ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުކަމަށެވެ. މި ޕެކޭޖުގެ އަގަކީ 48,965 ރުފިޔާއެވެ. ގައުމީ އެއާލައިން މޯލްޑިވިއަންޓް އިން ވައިޑް ބޮޑީ އޮޕަރޭޝަންތައް ފެށުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނަށް މިފަދަ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރުމުގެ ބޮޑު ބާރެއް ލިބިގެން ގޮސްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޖުލައި މަހާއި ޑިސެމްބަރު މަހުގެ އިތުރުން ރަމަޟާން މަހު ގަމުން ޖިއްދާއަށް ސީދާ ދަތުރުތައް ބޭއްވުމަކީ އަމާޒެއް ކަމުގައި އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

މީގެ ކުރިން ދަ ޓްރެވެލާ އިން ވަނީ އައްޑޫ ސިޓީ ގަމުން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ފުރަތަމަ ފަހަރަށް އުމްރާ ފްލައިޓެއް ބާއްވާފައެވެ. މި އަހަރު ޖުލައި މަހު ބޭއްވި މި ދަތުރުގައި ޖުމްލަ 259 އުމްރާވެރިން ބައިވެރިވިއިރު، އޭގެ ތެރެއިން 110 އުމްރާވެރިންނަކީ ގަމުން ފްލައިޓާ ގުޅުނު ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނެވެ.