ދެ ކިލޯއަށްވުރެ ގިނަ ކްރިސްޓަލް މެތާއި 10 ކިލޯގެ ކެނަބިސްއާއެކު ތައިލެންޑުގެ ބެންކޮކުން ދެ ދިވެހި ފިރިހެނުން ހައްޔަރުކޮށްފިއެވެ.
މިދިޔަ ހޯމަ ދުވަހު ތައިލެންޑް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 46 އަހަރުގެ އަލީ ރާޝިދު އާއި 34 އަހަރުގެ މުހައްމަދު ވިސާމް އެވެ.
އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ބޭރުގެ ބައެއް ރިޕޯޓުތައް ބުނާ ގޮތުން މަސްތުވާތަކެތި ފޮރުވާފައި ވަނީ ބެންކޮކްގެ ޕްރާތުނާމް ސަރަހައްދުގައި ހުންނަ ކާގޯ ސާވިސްއަކަށް ފޮނުވަން ގެންދިޔަ ބޮޑެތި ފޮށިގަނޑުތަކެއްގެ ތެރޭގައި ހުރި ސްޓެއިންލެސް ސްޓީލް ތައްޓާއި ކުޑަކުދިންގެ އަންނައުނާއި ކުޅޭ އެއްޗެހީގެ ތެރޭގައެވެ.
މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ފޮށިގަނޑުތަކުން އާދަޔާ ހިލާފު ވަހެއް ދުވާތީ ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ސަރަހައްދު މޮނިޓަާ ކުރަމުން ދަނިކޮށް، ދެ ފިރިހެނަކު އައިސް އެ ފޮށިގަނޑުތައް އުފުލުމަށް ޓުކްޓުކެއް ގެނައި ވަގުތު ކަމަށް ފުލުހުންނާ ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނެއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ވިސާމްއަކީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 72 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޑްރަގްގެ ބޮޑެކެވެ. ފުލުހުން އޭރު ބުނި ގޮތުގައި އެތަކެތި އެތެރެކޮށްފައި ވަނީ "މަސްޖަރީ" ނަމަކަށް ކިޔާ ދޯންޏެއްގައެވެ. އެ މައްސަލައިގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ދެ މީހެއްގެ މައްޗަށް ތުހުމަތު ކުރިއިރު އޭގެ ތެރޭގައި ވިސާމް ހިމެނެއެވެ.
އެ މައްސަލައިގައި ދައުލަތުން 10 މީހެއްގެ މައްޗަށް ދައުވާކުރިއެވެ. ނަމަވެސް އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ބުނެ ކްރިމިނަލް ކޯޓުން ވިސާމް ހިމެނޭ ގޮތަށް ހަތް މީހެއްގެ ދައުވާ އަނބުރާ ގެންދިޔައެވެ. އެއަށްފަހު ޝަރީއަތް ހިންގީ ތިން މީހަކަށް ނަމަވެސް އެ މީހުންގެ މައްޗަށް ވެސް ކުށް ސާބިތެއްނުވިއެވެ.
މި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ މައްޗަށް ތައިލެންޑު ފުލުހުން ކުރަނީ ހުއްދަ ނެތި ވިއްކުމުގެ ނިޔަތުގައި ޖަދުވަލު 1 ގެ މަސްތުވާތަކެތި ގެންގުޅުމުގެ ތުހުމަތެވެ. ނަމަވެސް އެ ދެ މީހުން ވެސް ވަނީ މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ. އެކަމަކު އެ ގައުމުގެ ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
