އިޒްރޭލުން މަދަދު ވެރިވާ ދްރޫޒް ގަބީލާގެ ހަނގުރާމަވެރިންނާއި ބެދުއީން ނުވަތަ ބަދަވީން ގެ ޖަމާއަތުގެ ހަނގުރާމަވެރިންނާއި ސީރިއާ ސަރުކާރުގެ ސިފައިންގެ މެދުގައި ހިނގަމުން ދާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހަވާން އިޒްރޭލާއި ސީރިއާ އެއްބަސް ވެއްޖެއެވެ.
އިޒްރޭލަކީ އެމެރިކާގެ މަދަދު ލިބޭ ޔަހޫދީ ދައުލަތް ކަމަށް ވާ އިރު, އިޒްރޭލާއި ސީރިއާ އާ ދެމެދު ސުލްހަވެއްޖެ ކަން އިއުލާން ކުރީ އެމެރިކާއިންނެވެ.
ސުވޭދާގައި ހަތިޔާރުއެޅި ފަރާތްތަކުގެ މެދުގައި ހިނގަމުން ދާ ހަމަނުޖެހުންތަކުގައި މިހާތަނަށް 260 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެއެވެ. ގެރިއްލާ ހަނގުރާމައެއްގެ ގޮތަށް ގެއިން ގެއަށް އަދި އިމާރްތަކަށް ވަދެ ހަމަލާ ދިނުމާއި, މަގުމަގު މަތިން ހަމަލާދިނުން ފަދަ އެތައް ހާދިސާއެއް ސްވޭދާގައި ދަނީ ހިނގަމުންނެވެ. ސުލްހަ ވި ކަން އެމެރިކާއިން އިއުލާން ކުރި އިރު ސީރިއާއިން ވެސް އެކަން އިއުލާން ކޮށްފައި ވެއެވެ.
ސީރިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ, ސުލްހަ ވާން އެއްބަސްވީ ހަމަލާތަކުގައި މަރުވަމުން ދަނީ 'ސީރިއާގެ ލޭ' ނުވަތަ މީހުން ކަމަށް ވުމާއި ހަމަނުޖެހުންތަކުގެ ސަބަބުން ގެއްލިގެން ދަނީ ސީރިއާގެ މުޅި ސީރިއާގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ކަމަށް ވުން ކަމަށެވެ.
އަދި ސްވޭދާނެ ހަމަނުޖެހުންތަކަށް ވަދެ މައްސަލަ ހައްލުކުރަން ބައިނަލްއަގުވާމީ ފަރާތްތަކުން އެދިފައި ވުމަކީވެސް އެގޮތަށް ނިންމި ސަބަބެއް ކަމަށެވެ.
ސްވޭދާގެ ހަމަނުޖެހުންތައް ފެށި މިހާ ހިސާބަށް ހޫނުވެގެން އައުމުގައި އިޒްރޭލުގެ ސީދާ ބައިވެރިވުން އެބައޮތެވެ. އެގޮތުން އިޒްރޭލުން ވަނީ, ސީރިއާގެ ދްރޫޒުންނަކީ އިޒްރޭލުގެ 'ބްރަދާސް' ނުވަތަ އިޒްރޭލުގެ އަހުންތަކެއް ކަމަށާއި އެމީހުންގެ ރައްކާތެރި ކަމާއި ސަލާމަތަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެ ކަމަށް ބުނެފައެވެ. އެގޮތުން އިޒްރޭލުން ވަނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ސަރުކާރުގެ ދިފާއީ ވުޒާރާއަށް ވައިގެ މަގުން ހަމަލާދީ ގޮއްވާލައިފައެވެ. އަދި ސްވޭދާގައި ތިބޭ ސީރިއާ ސަރުކާރު ސިފައިންގެ މަގާމުތަކަށް ވެސް ހަމަލާ ދީފައި ވެއެވެ. މީގެ އިތުރުން ސީރިއާ އާއި އިޒްރޭލު ގުޅޭ އިމުން އިޒްރޭލު ސިފައިން ވަނީ ބަރުހަތިޔާރާ އެކު ސީރިއާގެ ތެރެއަށް ވަދެގެންފައެވެ.
ދްރޫޒުންނަކީ އަރަބި ބަހުން ވާހަކަ ދައްކާ އަރަބީންގެ ސަގާފަތުގެ ތެރެއިން އެމީހުން ގަބޫލު ކުރާ ކަންކަން އިސްކުރާ އަދި އެމީހުން ތަބާވާ ބައެއް މީހުންނާއި މުސްލިމުންގެ ރަސޫލުންނާ އެއްވަރު ކުރާ ބައެކެވެ. އެންމެ މަތީ ގަދަރެއް ދޭ ބޭކަލެއްގެ ގޮތުގައި ޝުއައިބު އަލައިހިއްސަލާމް މަތިވެރި ކޮށް އެމީހާ އިމާންވާ ގޮތަކީ ސިއްރެއް ކަމުގައި ބަލާ ބައެކެވެ. އަދި މީހާ މަރުވުމަށް ފަހު އޭނާގެ ފުރާނަ ގޮސް އެހެން ހަށިގަނޑެއްގައި އުފަންވާ ކަމަށް ގަބޫލު ކުރާ ބައެކެވެ.
އިޒްރޭލުން އެމީހުން ހިމާޔަތް ކުރަނީ, އެމީހުނަށް އިޒްރޭލުގެ ރައްޔިތުކަން ދީފައި އޮންނާތީ އާއި އެމީހުންގެ މިހާރުގެ އެންމެ އިސް ލީޑަރަކަށް ލައިފައި ހުރި މީހަކީ ގަދަބާރުން ތަންތަން ހިފައިގެން އިޒްރޭލުން ހިންގާ ޖަރީމާތަކަށް ތާއީދު ކުރާ މީހަކަށް ވުމުގެ އިތުރުން އިޒްރޭލުގައި ވެސް ދްރޫޒުންގެ ގިނަ ބަޔަކު ދިރިއުޅެމުން ދާތީއެވެ.
މި ދްރޫޒުންގެ އާބާދީ ބޮޑުވަމުން އަންނަ އިރު ސީރިއާ، އުރުދުން، އިޒްރޭލު ހިމެނޭ ގޮތުން 3.2 މިލިއަން މީހުން އެބަތިއްބެއެވެ. އަދި ދްރޫޒުންނަކީ ސީރިއާގެ މުޅި އާބާދީގެ 3 ޕަސެންޓެވެ.