ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރައްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އެންމެ ފަހުން އަދާ ކުރައްވާފައި ވަނީ އާހިދު ރަޝީދުއެވެ. އާހިދުގެ ދައުރު ހަމަވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވީ އަޒީޒުގެ ނަން އެކަންޏެވެ.
ނަމަވެސް އޭނާ އެ މަގާމަށް އައްޔަން ނުކޮށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލާފައިވެއެވެ. ޓްރާންސްޕޭރަންސީން ބުނި ގޮތުގައި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ ފަސް އަހަރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އަބްދުލްއަޒީޒް ހުންނެވި ދައުރުގައި އެ ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ.
އޭގެ ސަބަބުން، ގާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދުމުގެ ހައްގު ފުރިހަމައަށް ބޭނުންކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.
ނަމަވެސް ރައީސް މިއަދު ވަނީ އިންފޮމޭޝަން އޮފިސަރުގެ މަގާމަށް އަބްދުލްއަޒީޒް އައްޔަންކުރައްވާފައެވެ.
އަބްދުލްއަޒީޒް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފެއްދެވި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރުވެސް މެއެވެ. އޭނާގެ ދައުރު ހަމަވެގެން މަގާމުން ވަކިވެވަޑައިގަތީ ޖުލައި 22، 2019 ގައެވެ. އަޒީޒް މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ.
މީގެއިތުރުން އޭނާ ވަނީ ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހުގެ ދާއިރާއިން ބައެއް ފޮތްތައްވެސް ލިޔުއްވާފައެވެ. އަދި އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
