އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާފައިވާ ނަން ފާސްނުކޮށް، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެއެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރު، މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމަށް ސިޓީއެއް ފޮނުއްވާފައެވެ.

އެ ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުކުރަން ފެށި ފުރަތަމަ ފަސް އަހަރު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި އަބްދުލްއަޒީޒް ހުންނެވި ދައުރުގައި އެ ގާނޫނު އެދެވޭ ގޮތެއްގައި ތަންފީޒު ކުރެވިފައެއް ނުވެއެވެ. އަދި އޭގެ ސަބަބުން، ގާނޫނުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ މައުލޫމާތު ހޯދުމުގެ ހައްގު ފުރިހަމައަށް ބޭނުންކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވި ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ބުނެފައިވެއެވެ.

މީގެ އިތުރުން، އެ ދައުރުގައި މައުލޫމާތު ހޯދުމަށް އެދޭ ފޯމު އެކުލަވާލާފައިވަނީ ވެސް މި ހައްގު ހަނިވާ ގޮތަށް ކަމަށާއި، އެކަމާ ގުޅިގެން ހުށަހެޅި ކަންބޮޑުވުންތަކަށް އެއްވެސް އިޖާބައެއް ދެއްވާފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ. ހަމައެއާއެކު، ގާނޫނުގައި ލާޒިމުކޮށްފައިވާ އާންމު އަޑުއެހުމެއް އެންމެ ފުރަތަމަ ފަހަރަށްވެސް ބޭއްވުނީ، އޭނާގެ ދައުރު ހަމަވާން އެންމެ 12 ދުވަހަށް ވެފައި ވަނިކޮށް، 10 ޖުލައި 2019 ގައެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން އިތުރަށް ބުނެފައިވަނީ، މައުލޫމާތު ހޯދުމުގެ ހައްގު ރައްޔިތުންނަށް ފުރިހަމައަށް ލިބި، އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވާން ފެށީ ދެވަނަ އިންފޮމޭޝަން ކޮމިޝަނަރަކު އައްޔަންކުރެއްވި ހިސާބުން ކަމަށެވެ.

އެހެންކަމުން، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާމެދު މިހާރު އުފެދިފައިވާ އިތުބާރު ދެމެހެއްޓުމަށްޓަކައި، އަބްދުލްއަޒީޒް ޖަމާލު އަބޫބަކުރަކީ މި މަގާމަށް އެންމެ އެކަށޭނަ އަދި ގާބިލް ބޭފުޅެއް ކަމަށް ނުދެކޭތީ، އޭނާގެ ނަން ފާސްނުކޮށް އެ މަގާމަށް އަލުން އިއުލާނުކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ މަޖިލީހުގެ ކޮމިޓީގައި އެދިފައެވެ.