އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް، އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ހުށަހަޅުއްވައިފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި މިހާރު ހުންނެވި އަހްމަދުު އާހިދު ރަޝީދުގެ މަގާމުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ 6 ވަނަ ދުވަހަށް ހަމަވާއިރު އޭނާ އެ މަގާމަށް އައްޔަންކުރީ ސެޕްޓެމްބަރު 6، 2021ގަ އެވެ.
އެ މަގާމަށް އައްޔަން ކުރަން ކުރީގެ އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ ނަން ހުށަހަޅުއްވާ ރައީސް ފޮނުއްވި ސިޓީފުޅު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތަޅުމަށް ވަނީ އިއްވާފައެވެ. އަދި އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އުފެއްދެވި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފުރަތަމަ އިންފޮމޭޝަން ކޮމިޝަނަރެވެ. އޭނާގެ ދައުރު ހަމަވެގެން މަގާމުން ވަކިވެވަޑައިގަތީ ޖުލައި 22، 2019 ގައެވެ. އަބްދުލްއަޒީޒް މިހާރު ހުންނެވީ ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގައެވެ. އޭނާއަކީ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.
މީގެއިތުރުން އޭނާ ވަނީ ދިވެހި ބަހާ ބެހޭ އެކަޑަމީގައި މަސައްކަތް ކުރައްވައި ބަހުގެ ދާއިރާއިން ބައެއް ފޮތްތައްވެސް ލިޔުއްވާފައެވެ.
