ޕޭމަންޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ބަދަލުގެނެސް، ޕޭމަންޓް ހިދުމަތްތަކާބެހޭ ގަވާއިދު އިސްލާހުކޮށްފިއެވެ.
އެއާއެކު ޕޭމަންޓް ހިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ހިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ވަނީ ބަދަލު އައިސްފައެވެ.
އެގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔާކުރުމުގެ ހިދުމަތް، އަދި ރެމިޓެންސްގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ. އަދި ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ހިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއާޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް އިތުރުކޮށްފައި ވެއެވެ.
ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދުތަކަށް އައިސްފައިވާ ބަދަލު
- އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ހިދުމަތް: 500،000 އިން 2،000،000 އަށް
- ޕޭމަންޓް ޓްރާންސެކްޝަން އެކުއަޔަރކުރުމުގެ ހިދުމަތް: 200،000 އިން 2،000،000 އަށް
- ރެމިޓެންސްގެ ހިދުމަތް: 200،000 އިން 2،000،000 އަށް
- ޕޭމަންޓް އިނީޝިއޭޝަން ހިދުމަތް: 100،000 އިން 1،000،000 އަށް
- އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ހިދުމަތް: 100،000 އިން 1،000،000 އަށް
އެމްއެމްއޭއިން ބުނި ގޮތުގައި މި އިސްލާހުގެ މަގުސަދަކީ، ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން ހުރި ތަންތަންކަން ކަށަވަރުކުރުމެވެ.
އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުމަކީ ވެސް އޭގެ މުހިންމު މަގްސަދެއް ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
