އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށްދާ ދިވެހީންނަށް ފޯރުކޮށްދޭ 1,000 އެމެރިކާ ޑޮލަރު، ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ގޮސްއުޅޭ ހާއްސަ ގައުމުތަކަށް އެކަނި ދޫކުރާގޮތަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހަމަޖައްސައިފިއެވެ.
މިކަމާ ގުޅިގެން އެމްއެމްއޭ އިން ބުނީ އާސަންދަ އަދި އެންސްޕާ މެދުވެރިކޮށް ދާ ފަރާތްތަކަށް ދޫކުރާ 2,000 ޑޮލަރު ކުރިއެކޭ ވެސް އެއްގޮތަށް އެއްވެސް ބަދަލެއް ނެތި ލިބޭނެކަމަށެވެ.
އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1,000 ޑޮލަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ 6 ގައުމަކަށެވެ. އެއީ:
- އިންޑިއާ
- ސްރީލަންކާ
- ތައިލެންޑް
- މެލޭޝިއާ
- ސިންގަޕޫރު
- ޔޫއޭއީ
އެމްއެމްއޭއިން ބުނީ މިގޮތަށް އުސޫލު ބަދަލުކުރީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް އެކަނި ހަރަދުކުރެވޭ ފައިސާކަން ޔަގީންކުރުމަށާ ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓުވުމުގެ މަގުސަދުގައި ކަމަށެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2026 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިން ގުނަ އިތުރު އަދަދެކެވެ.
މިގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށްކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.
