ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށް އާބާދީ އޮޅުވާލިކަމަށް ބުނާ މައްސަލައިގައި ތިނަދޫގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުވާކޮށްފިއެވެ.
2023 ވަނަ އަހަރު ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނުމާ ގުޅުވައިގެން ހިންގި މި މައްސަލައިގެ ތަހުގީގު ނިންމައި، ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ މަހުއެވެ.
ޕީޖީ އޮފީހުން މި މައްސަލަ ކޯޓަށް ފޮނުވާފައިވާއިރު، ޕީޖީ އޮފީހުން ބުނީ ސައުދުގެ މައްޗަށް ދެ ދައުވާއެއް ކުރަން ކޯޓަށް ވަނީ ފޮނުވާފައިވާކަމަށާއި، އެއީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކަމަށެވެ.
މި ދެ ކުށް ސާބިތުވެއްޖެ ނަމަ މި ދެ ކުށުގެ އަސާސީ އަދަބަކީ ޖުމުލަ 2 އަަހަރާއި 1 މަސްދުވަހަށް ޖަލަށް ލުން ކަމަށްވެސް ވަނީ ބުނެފައެވެ.
ޕީޖީ އޮފީހުން ބުނީ އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ރަށު ކައުންސިލްގެ ރައީސް މަގާމުގައި ހުރެ ސައުދު ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ފޮނުއްވި ސިޓީގެ ލިސްޓުގައި މަރުވެފައިވާ މީހުންގެ މައުލޫމާތާއި އެއް ނަންތަކެއް ތަކުރާރުކޮށް ހިމަނާފައިވާކަމަށެވެ.
މީގެއިތުރުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާކުރަން ފޮނުވީ ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ލިސްޓެއް ފޮނުވިކަން ރެކޯޑް ކުރެވިފައިނުވާ ކަމަށް ބުނެ ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.
