އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
ޓްރަމްޕް މި އިންޒާރު ދެއްވާފައިވަނީ، އެމެރިކާއިން އީރާނުގެ ލަރަކް ޖަޒީރާއަށް ބޮމުގެ ހަމަލާ ދިނުމާ ގުޅިގެން، އުރުދުންއާއި އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) ގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ. މިއީ މަސްދުވަހަށް ވުރެ ގިނަ ދުވަސް ފަހުން ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވުނު ފުރަތަމަ ހަމަލާތަކެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވި ގޮތުގައި، ފެބްރުއަރީ މަހު ފެށުނު އެމެރިކާއާއި އިސްރާއީލުގެ ހަނގުރާމައާ ގުޅިގެން އީރާނުން ބަންދުކޮށްފައިވާ ހޮރުމުޒް ކަނޑުއޮޅީގެ ހާލަތު މިހާރު ވަރަށް ރަނގަޅެވެ. އަދި އެމެރިކާގެ ކަނޑުގެ ސިފައިންގެ އެހީތެރިކަމާއެކު ކޮންމެ ރެޔަކު އެވްރެޖްކޮށް 30 ބޯޓު އެ ކަނޑުއޮޅި ހުރަސްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށާއި، އީރާނުގެ އަމަލުތަކަށް ރައްދު ދޭނެ ކަމަށެވެ.
އީރާނުގެ އަސްކަރިއްޔާގެ ޖެނެރަލް ސްޓާފް އަދި ހާތަމް އަލްއަންބިޔާ ސެންޓްރަލް ހެޑްކުއާޓާސްއިން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ބޭނުންކުރާ ކޮންމެ ތަނަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ. ސަރަހައްދީ ބައެއް ގައުމުތަކުން ދީފައިވާ ޔަގީންކަމާއި އިންޒާރުތަކާ ހިލާފަށް، އެމެރިކާއިން އަދިވެސް ސަރަހައްދީ ގައުމުތަކުގެ ވައިގެ ސަރަހައްދާއި ވަސީލަތްތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދެމުންދާ ކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އަވަށްޓެރި ގައުމުތަކުގެ އިސްތިގުލާލަށް އީރާނުން އިހުތިރާމްކުރާ ކަމަށާއި، ނަމަވެސް އެއްވެސް އުދުވާނީ ހަމަލާއަކަށް ކެތްނުކުރާނެ ކަމަށް އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. އަދި އިތުރު ހަމަލާއެއް ދީފިނަމަ މާ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދެމުން، އެމެރިކާއަށް އޮތް ހަމައެކަނި ގޮތަކީ ސަރަހައްދު ދޫކޮށް ދިއުން ކަމަށްވެސް ބުނެފައިވެއެވެ.
އެމެރިކާއިން އީރާނުގެ ލަރަކް ޖަޒީރާއަށް ހަމަލާދިނީ، ހޮރުމުޒް ކަނޑުއޮޅިއަށް ކަނޑުގެ މައިން އަޅާފައިވާ ރޮކެޓްތަކެއް ފޮނުވާލުމަށް ތައްޔާރުކޮށްފައިވާ ލޯންޗަރުތަކަކަށް އަމާޒުކޮށް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. މި ހަމަލާތައް ބަދަލުކޮށްފައިމިވަނީ، އަސްކަރީ އޮޕަރޭޝަންތަކުގެ ބަދަލުގައި އިގުތިސާދީ ފިއްތުންތައް ކުރިމަތިކުރުމަށް ޓްރަމްޕްގެ ސަރުކާރުން ނިންމިތާ ހަފުތާތަކެއް ފަހުންނެވެ.
މީސްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެމެރިކާގެ އިގުތިސާދީ އަދި އަސްކަރީ ފިއްތުންތަކުގެ ސަބަބުން އީރާން ވަނީ ފުނޑުފުނޑުވެފައި ކަމަށެވެ. އީރާނަކީ މިހާރު ނާކާމިޔާބުވެފައިވާ ގައުމެއް ކަމަށާއި، އެ ގައުމުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންނާއި ފައިސާއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސިފައިންނާއި ފުލުހުންނަށް މުސާރަ ނުދެވޭ ކަމަށާއި، އިންފްލޭޝަން 300 ޕަސެންޓަށް އަރާފައިވާއިރު، ގައުމުގެ ލީޑަރޝިޕް އޮތީ ބޮއްސުންލާފައި ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
އީރާނުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ހިންގާ ހަރުކަށި އަމަލުތަކަކީ ސަރުކާރު ވެއްޓުނަނުދީ ހިފަހައްޓާ ހަމައެކަނި ސަބަބު ކަމަށް ޓްރަމްޕް ތުހުމަތުކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މުޒާހަރާތަކުގައި 1 ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރާލާފައެވެ. މިއީ މީގެ ކުރިން އޭނާ ވިދާޅުވި 60،000 ގެ އަދަދަށްވުރެ މާ ބޮޑު އަދަދެކެވެ. ނަމަވެސް މި އާ އަދަދު ހޯއްދެވި ގޮތެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.
އީރާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މުޒާހަރާތަކުގައި މަރުވެފައިވަނީ 3،117 މީހުންނެވެ. އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންވެސް ހިމެނޭއިރު، އީރާނުން މިކަމުގެ ތުހުމަތު އަޅުވަނީ އިސްރާއީލުގެ މަދަދު ލިބޭ ހަމަނުޖެހުން ހިންގާ ބައެއްގެ ބޮލުގައެވެ.
ހަނގުރާމައިގެ ތެރޭގައި އެމެރިކާއިން ހަނގުރާމައިގެ ޖަރީމާތައް ހިންގައި އާންމުންނަށް އަމާޒުކޮށް ހަމަލާދެމުންދާ ކަމަށް އީރާނުން ވަނީ ތުހުމަތުކޮށްފައެވެ. އެގޮތުން، ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ދެކުނުގައި އޮންނަ މީނާބްގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ހަމަލާއެއްގައި 168 މީހުން މަރުވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ގިނައީ ކުޑަކުދިން ކަމަށް އީރާނުން ބުނެފައިވެއެވެ.
އެމެރިކާއިން ޓިއުނީޝިއާއަށް ކަނޑައަޅާފައި ހުންނެވި ކުރީގެ ސަފީރު އަދި ސްޓޭޓް ޑިޕާޓްމަންޓްގެ އޮފީސް އޮފް އީރާނިއަން އެފެއާޒްގެ ކުރީގެ އެކްޓިން ޑިރެކްޓަރު ޖޯއީ ހުޑް އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، ދެ ފަރާތަށްވެސް މި ހަމަނުޖެހުމުން ފަހަތަށް ޖެހެވޭނެ ފަދަ ހައްލެއް ސަރަހައްދީ ގައުމުތަކުން ހޯދަން ޖެހެއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ޕާކިސްތާނާއި ތުރުކީވިލާތް އިސްވެ އޮވެ އުފައްދާ އިސްލާމީ ކަނޑުގެ ކޯލިޝަނަކުން ހޮރުމުޒް ކަނޑުއޮޅި ބަލަހައްޓައި، އެތަނުން ދަތުރުކުރާ އުޅަނދުތަކަކީ ސުލްހަވެރި އުޅަނދުތަކެއްކަން އީރާނަށް ކަށަވަރުކޮށްދެވިދާނެއެވެ. މިފަދަ ފިޔަވަޅެއްގެ ސަބަބުން، ކަނޑުއޮޅީގެ މައްޗަށް އޮތް ހައްގު ދޫކޮށްލިކަމަށް ނުބުނެ، އީރާނަށް ފަހަތަށް ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
