ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި، ހާއްސަކޮށް ޓިކްޓޮކް އަދި ފޭސްބުކްގައި، ސޯމާލިއާ އާއި ޔަމަން ދެމެދު އޮންނަ ރަތްކަނޑު ހިކިގެން ގޮސްފައިވާ" ކަމަށް ބުނެ އާންމުކުރަމުންދާ ވީޑިއޯއަކީ ހަގީގަތާ ހިލާފު ދޮގު މައުލޫމާތެއްކަމަށް ކަމާއި ބެހޭ އިދާރާތަކުން ބުނެފިއެވެ.
މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ކަނޑުގެ ފެންގަނޑު ހިނދި، ބޮޑު ސަރަހައްދެއްގައި ފަސްގަނޑު އެކަނި އޮތްތަނެވެ. އަދި ބައެއް ބޯޓުފަހަރު އެކި ތަންތަނުގައި ހުއްޓިފައިވާ މަންޒަރު މި ވީޑީއޯ އިން ފެނިގެން ދެއެވެ. ނަމަވެސް، މިއީ ސޯމާލިއާ ނުވަތަ ޔަމަން ކައިރީގެ ކަނޑުގެ ސަރަހައްދެއް ނޫންކަމަށް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފައެވެ.
މި ވީޑިއޯ އާއި ގުޅިގެން ގިނަ ބައެއްގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާއިރު ކަމާއި ބެހޭ ފަރާތްތަކުން ވަނީ މި ވީޑިއޯއަކީ އާޖެންޓީނާގެ އައްސޭރިފަށުގެ ސަރަހައްދެއްގައި ނަގާފައިވާ ވީޑިއޯއެއް ކަމަށް ބުނެފައެވެ. އަދި މިއީ އާޖެންޓީނާގެ ކޯސްޓްލައިންގެ ތިލަ ސަރަހައްދުތަކުގައި ފެންގަނޑު ހިނދޭ ވަގުތުތަކުގައި ފެންނަ އާދައިގެ މަންޒަރެއްކަމަށް ވަނީ ބުނެފައެވެ.
މި ވީޑިއޯ ބޭނުންކޮށްގެން ކަންކަމުގެ ހަގީގަތް އޮޅުވާލައި، ސޯމާލިއާ އާއި ޔަމަން ދެމެދުގެ ކަނޑު ހިކެމުންދާ ކަމަށް ބުނެ ފަތުރަމުންދާ މައުލޫމާތަކީ މީހުންގެ ސަމާލުކަން ހޯދުމަށް ފަތުރާ ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް މީޑިއާ ރިޕޯޓްތަކުން ކަށަވަރުކޮށްދެއެވެ.
