އިންޝުއަރެންސް ގާނޫނުގެ ދަށުން އެކުލަވާލި ދެ ގަވާއިދަކަށް އަމަލުކުރަން ފަށައިފިއެވެ.
ސަރުކާރުގެ ގެޒެޓްގައި އޮގަސްޓު 27، 2026 ގައި ޝާއިއުކޮށް، އަމަލުކުރަން ފެށި ދެ ގަވާއިދަކީ "އިންޝުއަރެންސް (ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ) ގަވާއިދު" އަދި "އިންޝުއަރެންސް (އާންމު މާއްދާތަކުގެ) ގަވާއިދު" އެވެ.
ދިވެހިރާއްޖޭގައި ހުރި ރިސްކުތަކާބެހޭ ގަވާއިދުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖޭގައި ހުރި ރިސްކުތަކުގެ ގޮތުގައި ބަލާނެ ކަންކަން ކަނޑައެޅުމާއި، އެފަދަ ރިސްކެއް ކަވަރުކުރުމަށް ރާއްޖޭގައި ލައިސަންސް ލިބިގެން ހިންގާ އިންޝުއަރެންސް ކުންފުންޏަކުން ޕޮލިސީ ނެގުމުގެ އިލްޒާމުން އިސްތިސްނާ ދެވޭނެ ހާލަތްތައް ބަޔާންކުރުމެވެ. މީގެ ތެރޭގައި އެމްއެމްއޭގެ ވެބްސައިޓުގައި އާންމުކުރާ ހާލަތްތަކުގެ އިތުރުން، އިސްތިސްނާއަށް އެދި އޮތޯރިޓީއަށް ހުށަހެޅޭނެ އުސޫލުތައް ހިމެނެއެވެ.
އިންޝުއަރެންސް އާންމު މާއްދާތަކުގެ ގަވާއިދުގައި ބަޔާންކޮށްފައިވަނީ އިންޝުއަރެންސް ގާނޫނުގެ ދަށުން އިދާރީ ފިޔަވަޅުތައް އަޅާނެ ގޮތްތަކާއި، އިންޝުއަރެންސް ވިޔަފާރި ސޮލިސިޓްކުރުމުގެ ހުއްދަ އޮންނަ ދާއިރާތަކެވެ. އަދި އިންޝުއަރެންސް ބްރޯކަރުންނަށް ލައިސަންސް ދޫކުރުމުގައި ބަލާނެ މިންގަނޑުތަކާއި، ލައިސަންސަށް އެދި ހުށަހަޅަންޖެހޭ މައުލޫމާތުތައްވެސް މި ގަވާއިދުގައި ހިމެނެއެވެ.
މި ދެ ގަވާއިދަކީ 2025 ވަނަ އަހަރުގެ އޮގަސްޓު މަހު ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިންޝުއަރެންސް ގާނޫނުގެ ދަށުން އެކުލަވާލެވުނު ގަވާއިދުތަކެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ އިންޝުއަރެންސް ދާއިރާގެ ފެންވަރު ހިފަހައްޓައި، ޕޮލިސީ ނަގާފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް، ދާއިރާގައި ވާދަވެރިކަން އިތުރުކުރުމެވެ.
