ހއ. އުލިގަމުގައި ޒަމާނީ ފެންވަރުގެ ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ބޭނުންވާ ބިން ކުއްޔަށް ހިފުމާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ހއ. އުލިގަން ކައުންސިލާ ދެމެދު ބިން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު އޮތީ އެމްޕީއެލްގެ ހެޑް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ކެޕްޓަން ހުސައިން ޝަފީގެވެ. އަދި އުލިގަން ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެ ކައުންސިލްގެ ރައީސް އަސަދުއްﷲ މުހައްމަދެވެ.

މި އެއްބަސްވުމަކީ ހއ. އުލިގަމުގައި ޔޮޓް މެރީނާއަކާއި އެއާ ގުޅުންހުރި އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް ބޭނުންވާ ބިން އެމްޕީއެލްއާ ހަވާލުކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މިގޮތުން "އުލިގަން ޔޮޓް މެރީނާ ޕްރޮޖެކްޓް" ތަރައްގީކުރުމަށްޓަކައި، އެ ރަށުން ގާތްގަނޑަކަށް 70،471 އަކަމީޓަރުގެ ބިން އެމްޕީއެލްއަށް ކުއްޔަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ އުލިގަމަށް ޒިޔާރަތްކުރާ ޔޮޓްތަކަށް ދެވޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް، ފަތުރުވެރިކަމާއި ވިޔަފާރީގެ ހަރަކާތްތައް އިތުރުކޮށްގެން ސަރަހައްދީ އިގްތިސާދަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދިނުމެވެ. މި މަޝްރޫއުގެ ދަށުން ތަރައްގީކުރެވޭ ޔޮޓް މެރީނާގައި ޒަމާނީ ފެންވަރުގެ އެކި ވަސީލަތްތަކާއި ހިދުމަތްތައް ގާއިމުކުރުމުގެ އިތުރުން، އެހެނިހެން މުހިންމު އުމްރާނީ ވަސީލަތްތައް ގާއިމްކުރުމަށް ވެސް ވަނީ ރޭވިފައެވެ.

މި މަޝްރޫއު ފުރިހަމަވެގެން ދިއުމުން، ރާއްޖޭގެ އެންމެ އުތުރުގައި މެރިޓައިމް އިގްތިސާދު އިތުރަށް ފުޅާވެ، ފަތުރުވެރިކަމަށާއި ސަރަހައްދީ ވިޔަފާރިއަށް ބޮޑު އިންގިލާބީ ކުރިއެރުމެއް ލިބިގެންދާނެ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ.