ގދ. ތިނަދޫއިން މީހުން ބާލުވައި ރަށް ފަޅުކޮށްލުމުން، އެ ރަށުގެ ރައްޔިތުންނަށް ލިބުނު ބޮޑެތި އަނިޔާތަކަށް އަދިވެސް އިންސާފު ލިބިފައި ނުވާ ކަމަށް ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވެއްޖެއެވެ.

މޭޔަރު ސައުދު މިހެން ވިދާޅުވީ ދެވަނަ ފަހަރަށް ތިނަދޫ އާބާދުވިތާ 60 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރު ސައުދު ވިދާޅުވީ 1962 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ސަރުކާރުން ސިފައިން ފޮނުވައިގެން ރަށް ވީރާނާކޮށްލުމުން، ކައިރި ރަށްރަށުގައި ތިނަދޫ ރައްޔިތުން އުޅެންޖެހުނު ނިކަމެތި ހާލު މިހާރުގެ ޖީލަށް އިހުސާސް ނުކުރެވޭނެ ކަމަށެވެ. އެ ދުވަސްވަރުގެ ހަނދާންތައް އާކުރައްވަމުން ސައުދު ވިދާޅުވީ 1966 ގައި އަލުން އާބާދުވާން ހުއްދަ ދިނުމުން، ހަނަފަސް ސަހަރާއެއްގެ ގޮތުގައި އޮތް ރަށުގައި ރައްޔިތުން އަމިއްލަ ހިތްވަރާއެކު ދިރިއުޅުން އަލުން ބިނާކުރި ކަމަށެވެ. އަދި އޭރު ފެށި މަސައްކަތުން ބަދަލުތަކެއް ގެނެވިފައިވާ ކަމަށްސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ އަނިޔާތަކަށް އިންސާފު ހޯދައިދިނުމަށް ކުރީގެ ސަރުކާރުން އޮމްބަޑްސްޕާސަންގެ އޮފީހެއް ގާއިމްކުރުމުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ. ނަމަވެސް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ކައުންސިލުން ހުށަހެޅި މައްސަލަ ނިމުނު ގޮތް ސިއްރުކޮށްފައި ބޭއްވުމަކީ އިތުރަށް ދެވުނު އަނިޔާއެއްގެ ގޮތުގައި ސައުދު ސިފަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިނުގަތުމުން ކަންބޮޑުވުން ފާޅުކުރައްވައި، ތިނަދޫގައި ރޭވިފައިވާ ބޯހިޔާވަހިކަމާއި ތަރައްގީގެ މަޝްރޫއުތައް އަވަސްކޮށްދިނުމަށް ސަރުކާރަށް ގޮވާލެއްވިއެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އަބްދުﷲ ޔާމީން ޝަރަފުވެރިކޮށްދެއްވި މި ޖަލްސާގައި މޭޔަރު ވަނީ ތިނަދޫގެ ހައްގުގައި މި ވާހަކަތައް ދެއްކުން ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ތިނަދޫ ސިޓީ ކައުންސިލުން ދަނީ އެ ރަށުން މީހުން ބޭލުވި ހާދިސާއަށް ބިނާކޮށް ފިލްމެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.