ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތްތައް ހިންގާ ކަމަށް ބުނެ، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ މަނީ ޗޭންޖިން ބިޒްނަސް ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބާތިލްކޮށްފިއެވެ.
އެމްއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ފިޔަވަޅު އަޅާފައިވަނީ ބޭރު ފައިސާ ބަދަލުކުރުމުގެ ވިޔަފާރި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް އެ ކުންފުނިން ވިޔަފާރި ކުރަމުންދާ ކަމަށް ފާހަގަކުރެވިގެން ކަމަށެވެ.
އެމްއެމްއޭއިން ވަނީ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް ހަދާފައިވާ ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް މަނީ އެކްސްޗޭންޖުތަކައް އިލްތިމާސްކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތް ހިންގާ ފަރާތްތަކާ ދެކޮޅަށް، ކަމާ ބެހޭ ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅު އެޅުމަށް ތައްޔާރަށް ތިބި ކަމަށްވެސް އެ އޮތޯރިޓީ ވަނީ ބުނެފައެވެ.
ކަޅުބާޒާރުގެ ޑޮލަރު އަގުބޮޑުކޮށް ވިއްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގަވާއިދަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ ދާދިފަހުން އިސްލާހުތަކެއް ގެނެސްފައެވެ. އެގޮތުން ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް އާންމުކޮށް ރިޕޯޓުކުރުމާއި އިޝްތިހާރު ކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން (ފަސް ލައްކަ) ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރުން ހިމެނެއެވެ.
މީގެ އިތުރުން، އަގު ބޮޑުކޮށް ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ފަރާތްތައް އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ މާއްދާއެއްވެސް ކޮމިޓީން ވަނީ ހިމަނާފައެވެ.
