ދެކުނުގެ ރަށެއްގައި ގްރޭޑް 7 ގެ އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ ލިބުނު އިސްލާމް ޓީޗަރުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ބާތިލްކޮށް، އޭނާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދަށު ކޯޓުން ކުރިން ހުކުމްވަނީ މި މައްސަލަ ރައްދުވާ ފަރާތުގެ ލޮލުގެ ފެނުމާއި އިވުމުގެ މައްސަލައެއް ހުރުމުގެ ސަބަބުން، ކުލާސް ތެރޭގައި ހިނގާފައިވާ ކަންކަމަކީ އޮޅިގެން ގަސްތަކާ ނުލައި ހިނގާފައިވާ ކަންތައްތަކެއް ކަމަށް ބުނެ ދިފާއުން ދެއްކި ވާހަކަތަކަށް ރިއާޔަތްކުރުމަށް ފަހުއެވެ. ނަމަވެސް، ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ ދަށު ކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ.

ހައި ކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކުރި ކަންކަމުގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކަށް ބަލާއިރު، އަނިޔާ ލިބުނު ކުދިންގެ ކިޔައިދިނުމުގައި އެތެރެފުށުގެ އަދި ބޭރުފުށުގެ އެއްގޮތްކަން ހުރިކަން ސާބިތުވެއެވެ. އަދި އަނިޔާލިބުނު ކުދިން އެމީހާއާއި މެދު ދޮގު ވާހަކަތަކެއް ދެއްކުމުގެ ނުނިޔަތެއް ނެތްކަން ހެކިތަކުން އެނގެއެވެ.

މީގެ އިތުރުން ކުދިންގެ ޖިންސީ ގުނަވަންތަކުގައި ހިފުމާއި، ތަކުރާރުކޮށް ފޫކޮޅުގައި ޖެހުމާއި، އޮޅުލައި ހެދުމަކީ "އެކަށީގެންވާ މީހެއްގެ ވިސްނުމުން" ބަލާއިރު ޝަހުވާނީ އެދުންވެރިކަމެއް ހާސިލުކުރުމުގެ ނިޔަތުގައި ކޮށްފައިވާ ކަންކަންކަން ސާބިތުވާކަމަށް ހައިކޯޓުން ވަނީ ބުނެފައެވެ. އަދި އެއީ ޖިސްމާނީ އުނިކަމެއްގެ ސަބަބުން އޮޅިގެން ހިނގާފައިވާ ކަމެއް ކަމަށް ގަބޫލެއް ނުކުރެވޭކަމަށްވެސް ކޯޓުން ވަނީ ބުނެފައެވެ.

ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ބެއްލެވި މި މައްސަލައިގައި ކުދިންނަށް ޖިންސާ ގޯނާކުރި މީހާ 15 އަހަރަށް ޖަލަށް ލުމަށް ހުކުމްކުރީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މައްސަލައިގެ ތަހުގީގާއި ޝަރީއަތުގެ މަރުހަލާގައި އޭނާ ބަންދުގައި ހޭދަކުރި 35 ދުވާސް ވަނީ ޖަލު އަދަބުން އުނިކޮށްފައެވެ.