އީރާނަށް އެހީތެރިވާ ނުވަތަ އެ ގައުމާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ކޮންމެ ގައުމަކާ ދެކޮޅަށް އިގުތިސާދީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.

ޓްރޫތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވި ގޮތުގައި، މިއީ ގައުމަކާ ދެކޮޅަށް މިހާތަނަށް ހިންގާ އެންމެ ވަރުގަދަ އިގުތިސާދީ އޮޕަރޭޝަނެވެ. އަދި އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އައިސްފައި ނުވާތީ، މިއީ އީރާނާ ދެކޮޅަށް ފަށާ "އިގުތިސާދީ ޑީ-ޑޭ" ކަމަށް އޭނާ ސިފަކުރެއްވިއެވެ. މިއީ އޭޕްރީލް މަހު ފެށި "އޮޕަރޭޝަން އިކޮނޮމިކް ފިއުރީ" ގެ ދަށުން އީރާނާއެކު ވިޔަފާރިކުރާ ބޭރުގެ ބޭންކުތަކާއި ކުންފުނިތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރަށް ފުޅާކުރުން ކަމަށް ބެލެވެއެވެ.

މި އިންޒާރު ދެއްވާފައިވަނީ، ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި ހަމަނުޖެހުންތަކަށް ފަހު، ގާއިމުކުރި 60 ދުވަހުގެ ހަމަލާތައް މެދުކަނޑާލުމުގެ މުއްދަތު ހޯމަ ދުވަހު ހަމަވެފައި ވަނިކޮށެވެ. މީގެ އިތުރުން، އެމެރިކާގެ ގާތް ގައުމެއް ކަމަށްވާ އެކުވެރި އަރަބި އިމާރާތް (ޔުނައިޓެޑް އަރަބް އެމިރޭޓްސް - ޔޫއޭއީ) އިން ވަނީ އީރާނާއެކު އޮންނަ އިގުތިސާދީ އަދި މާލީ ހުރިހާ ގުޅުމެއް ކަނޑާލަން ނިންމާފައެވެ. ޔޫއޭއީގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ނިންމުން ނިންމީ ކަނޑުދަތުރުފަތުރަށް އަމާޒުކޮށް އީރާނުން ފޮނުވާލި ދެ ބެލިސްޓިކް މިސައިލް ފެނުމާ ގުޅިގެންނެވެ.

ޔޫއޭއީގެ މި ނިންމުމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ވަނީ އެމެރިކާގެ ސިފައިންނަށް އެއްވެސް އެހީތެރިކަމެއް ނުދިނުމަށް ގަލްފުގެ ގައުމުތަކަށް އިންޒާރުދީފައެވެ. ޓްރަމްޕްގެ ޕޯސްޓުގައި ވަކި ގައުމެއްގެ ނަން ފާހަގަކުރައްވާފައި ނުވި ނަމަވެސް، އީރާނުގެ ތެޔޮ އެންމެ ގިނައިން ގަންނަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އެމެރިކާއިން ޗައިނާގެ ބައެއް ތެޔޮ ސާފުކުރާ ކާރުހާނާތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާއިރު، ޗައިނާގެ ކޮމާސް މިނިސްޓްރީން ބުނެފައިވަނީ އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ފިޔަވަޅުތަކެއް ކަމަށާއި އެއަށް އަމަލުނުކުރާނެ ކަމަށެވެ.

މީގެ އިތުރުން، ދުނިޔޭގެ އިގުތިސާދަށް މުހިންމު ހޮރުމުޒް ކަނޑުއޮޅި ހުޅުވުމާ ގުޅޭގޮތުން އެމެރިކާއާއި އޮމާނުން ވަކިން އީރާނާއެކު މަޝްވަރާކުރަމުންދާއިރު، އެމެރިކާގެ މަޝްވަރާތަކަށް ހުރަސްއަޅައިފިނަމަ އޮމާނަށް ބޮމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ހޮރުމުޒް ކަނޑުއޮޅިއަކީ ދުނިޔޭގެ ސާފުނުކުރާ ތެލާއި އެލްއެންޖީގެ 20 ޕަސެންޓް ދަތުރުކުރާ މަގު ކަމަށްވާއިރު، މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ އަގުތައް ވަނީ އުފުލިފައެވެ.

ނޮވެންބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިހާބު ކައިރިވަމުން އަންނައިރު، ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ރައްޔިތުންނަށް އުފުލަންޖެހޭ ތަކުލީފުތަކާ ގުޅިގެން ޓްރަމްޕަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. އެމެރިކާގެ ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވި ގޮތުގައި، ދުނިޔެ ދުވަހަކުވެސް ނުދެކޭ ފަދަ މިންވަރަކަށް އީރާން އިގުތިސާދީ ގޮތުން އެކަހެރިކުރުމުގެ ފިޔަވަޅުތައް އެމެރިކާއިން ވަރަށް އަވަހަށް އަޅާނެއެވެ.