ދިވެހިރާއްޖޭގެ އިގްތިސާދީ ދުވެލި މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ދުނިޔޭގެ ފެންވަރުގައި މަގްބޫލު ފަތުރުވެރިކަމުގެ ސިނާއަތުގެ މައްޗަށެވެ. ނަމަވެސް، މި ދާއިރާއިން ލިބެންޖެހޭ ޓެކްސްގެ ފުރިހަމަ އާމްދަނީ ދައުލަތަށް ނުލިބި ބޭރުވެގެންދާ މައްސަލައަކީ ވިޔަފާރިވެރިންނާއި އިގްތިސާދީ މާހިރުންގެ މެދުގައި އަބަދުވެސް ދެކެވޭ ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލަ އުފެދެނީ ރާއްޖެއިން ބޭރުގެ އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި، ޓްރެވަލް އެޖެންޓުން އަދި ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް ވިއްކާ ޕެކޭޖުތަކުގެ ފުރިހަމަ އަގުން ރާއްޖެއަށް ޓެކްސް ނުނެގޭ ގޮތަށް މިހާރުގެ ނިޒާމު އޮތުމުންނެވެ. މި ހުސްކަން ފޫބައްދައި، ޓެކްސް ނިޒާމުގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި ސަރުކާރުން މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އެންމެ މުހިންމު އިސްލާހަކީ 'ޑެސްޓިނޭޝަން ޕްރިންސިޕަލް' ނުވަތަ ހިދުމަތް ލިބިގަންނަ ގައުމަށް ޓެކްސް ދެއްކުމުގެ ބައިނަލްއަގްވާމީ އުސޫލަށް ބަދަލުވުމެވެ.

ޓެކްސް ނިޒާމުން ބޭރުވާ އާމްދަނީއާއި ވާދަވެރިކަމުގެ ފަރަގު

ރާއްޖޭގައި މިހާރު ޢަމަލުކުރަމުންދާ ޓެކްސް ނިޒާމަކީ 'އޮރިޖިން ޕްރިންސިޕަލް' ގެ ސިފަތައްވެސް އެކުލެވޭ މަސްހުނި ނިޒާމަކަށް ވާތީ، ޖީއެސްޓީ ނެގެނީ ހަމައެކަނި ރާއްޖޭގެ ވިޔަފާރިތަކުން ވިއްކާ އަގުންނެވެ. މީގެ ސަބަބުން ބޭރުގެ ވިޔަފާރިތަކުން އިތުރުކުރާ އަގު އޮންނަނީ ރާއްޖޭގެ ޓެކްސް ނިޒާމުގެ އިމުން ބޭރުގައެވެ.

މިކަން ވަރަށް ސާފު ދެ މިސާލަކުން ދެނެގަނެވިދާނެއެވެ:

  • ފަތުރުވެރިކަމުގެ ދާއިރާ: ރާއްޖޭގެ ރިސޯޓެއްގެ ކޮޓަރިއެއް ބޭރުގެ އޮންލައިން ޓްރެވަލް އެޖެންސީއަކަށް (މިސާލަކަށް އަގޯޑާ ނުވަތަ ބުކިން ޑޮޓް ކޮމް) 100 ޑޮލަރަށް ދޫކުރާ ހާލަތެއްގައި، އެ އެޖެންސީން ފަތުރުވެރިޔާއަށް އެ ކޮޓަރި ވިއްކަނީ 150 ޑޮލަރަށެވެ. މިހާރުގެ އުސޫލުން ޖީއެސްޓީ ނެގެނީ ރިސޯޓަށް ލިބޭ 100 ޑޮލަރުން އެކަންޏެވެ. ފަތުރުވެރިޔާ ރާއްޖޭގެ ޗުއްޓީއަށް ހަރަދުކުރި ފައިސާއިން އެޖެންސީން އިތުރުކުރި 50 ޑޮލަރު ރާއްޖޭގެ ޓެކްސް ނިޒާމުން ބޭރުވެގެންދެއެވެ. މައިގަނޑު މައްސަލައަކީ ބުކިން ހެދީ ބޭރުގެ ވެބްސައިޓަކުންތޯ ނުވަތަ ރާއްޖޭގެ ޑެސްކަކުންތޯ ބެލުމެއް ނޫނެވެ؛ މައިގަނޑު ކަމަކީ ރާއްޖޭގައި ލިބިގަންނަ ހިދުމަތުގެ ފުރިހަމަ އަގުން ޓެކްސް ނުލިބި ދިއުމެވެ.
  • އާންމު ވިޔަފާރި: މަޖީދީމަގުގައި ހުރި ފޯނު ވިއްކާ ފިހާރައަކުން 162 ރުފިޔާއަށް ފޯނު ކަވަރެއް ގަންނައިރު 12 ރުފިޔާއަކީ ޖީއެސްޓީއެވެ. ނަމަވެސް، ހަމަ އެފަދަ ފޯނު ކަވަރެއް 'ޓީމޫ' ނުވަތަ 'އަލީ އެކްސްޕްރެސް' ފަދަ އެޕަކުން އޯޑަރުކުރުމުން، އެއީ އެކްސްޕޯޓަކަށް ވާތީ އެއްވެސް ޖީއެސްޓީއެއް ނުނަގައެވެ.
ފާހަގަކޮށްފައިވާ މިސާލުތަކާ ގުޅޭހެން ހަދާފައިވާ ޕޮޓޯއެއް

މި ތަފާތުގެ ސަބަބުން، އެއް ގައުމެއްގެ އެއް މަންޒިލަކަށް ނުވަތަ އެއް މުދަލަކަށް ނަގާ ޓެކްސް ތަފާތުވެ، ރާއްޖޭގެ ފިހާރަތަކާއި ވިޔަފާރިތަކަށް ބޭރުގެ ކުންފުނިތަކާ ހަމަހަމަކަމާއެކު ވާދަކުރުމުގެ ފުރުސަތު ގެއްލިގެންދެއެވެ.

'ޑެސްޓިނޭޝަން ޕްރިންސިޕަލް' އަކީ ކޮބާ؟

'ޑެސްޓިނޭޝަން ޕްރިންސިޕަލް' ބިނާވެފައިވަނީ ވަރަށް ސާދާ އުސޫލެއްގެ މައްޗަށެވެ. އެއީ މުދަލެއް ނުވަތަ ހިދުމަތެއް ފޯރުވައިދިން ފަރާތުގެ އޮފީސް ހުރީ މާލޭގައި، ސިންގަޕޫރުގައި ނުވަތަ ލަންޑަނުގައި ކަމުގައި ވިޔަސް، އެ ހިދުމަތެއް ނުވަތަ މުދަލެއް ބޭނުންކުރަނީ (ކޮންސިއުމްކުރަނީ) ދިވެހިރާއްޖޭގައި ކަމަށްވާނަމަ އެއިން ޓެކްސް ދައްކަންވާނީ ދިވެހިރާއްޖެއަށެވެ.

ރާއްޖެއިން ބޭރުކުރާ (އެކްސްޕޯޓްކުރާ) މުދަލާއި ހިދުމަތުން ޖީއެސްޓީ ނުނަގަނީ އެ ތަކެތި ބޭނުންކުރަނީ ރާއްޖޭން ބޭރުގައި ކަމަށްވާތީއެވެ. މި އުސޫލުގެ ބޭނުމަކީ އެއް ހިދުމަތަކުން ދެ ފަހަރަށް ޓެކްސް ނެގުން ހުއްޓުވުމާއި، އެއްވެސް މިންވަރަކަށް ޓެކްސް ނުނެގި ދޫވެގެން ދިއުން ކުޑަކުރުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ބޭނުންކުރާ މެކޭނިޒަމްތަކުގެ ތެރޭގައި އިމްޕޯޓްކުރާ ވަގުތު ޖީއެސްޓީ ނެގުމާއި، ރާއްޖޭން ބޭރުގައި ހިންގާ ވިޔަފާރިތަކުން ރާއްޖޭގައި ޖީއެސްޓީއަށް ރަޖިސްޓަރީކުރުމާއި، 'ރިވާސް ޗާޖް މެކޭނިޒަމް' ހިމެނެއެވެ.

މިއީ އާ ޓެކްސްއެއް ނޫން: ހުރި ހުސްކަން ފޫބެއްދުން

މި ހުށަހެޅުމަކީ މުޅިން އާ ބާވަތެއްގެ ޓެކްސްއެއް ތައާރަފުކުރުމެއް ނޫނެވެ. ފަތުރުވެރިކަމުގެ ހިދުމަތްތަކުން މިހާރުވެސް ޖީއެސްޓީ ނަގައެވެ. ބަދަލުވަނީ ޓެކްސް ނިޒާމުގެ ދާއިރާއެވެ؛ އެއީ ރާއްޖޭގައި ބޭނުންކުރާ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތައް ވިއްކާ ބޭރުގެ ކުންފުނިތައްވެސް މި ނިޒާމުގެ ތެރެއަށް ވެއްދުމެވެ.

ހުށަހަޅާފައިވާ އިސްލާޙުގެ ދަށުން:

  1. ބޭރުގެ ވިޔަފާރިތަކުން ފޯރުވައިދޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްތަކުން ޖީއެސްޓީ ނަގާނީ %17 ގެ ރޭޓުގައެވެ.
  2. މި ބަދަލަށް ޢަމަލުކުރަން ފެށުމަށް ހުށަހަޅާފައިވަނީ 1 އޮކްޓޫބަރު 2026 ގައެވެ.
  3. މީގެ އަސާސަކީ، ރާއްޖޭގައި ޗުއްޓީ ހޭދަކުރާނަމަ އެ ހިދުމަތް ވިއްކީ ރާއްޖޭގެ ކުންފުންޏަކުން ކަމުގައި ވިޔަސް ނުވަތަ ބޭރުގެ މެދުވެރިއަކު މެދުވެރިކޮށް ކަމުގައި ވިޔަސް، ނަގާ ޖީއެސްޓީއަށް އެއްވެސް ބަދަލެއް އައިސްގެން ނުވާނެ ކަމެވެ.
ރާއްޖެއަށް އައި ފަތުރުވެރިންތަކެއް

ދައުލަތުގެ އާމްދަނީއާއި ޑޮލަރުގެ ދަތިކަމަށް ލިބޭނެ ހައްލު

ފަތުރުވެރިކަން މާކެޓްކުރުމުގައި ބޭރުގެ މެދުވެރިންގެ ދައުރު ބޮޑުވަމުންދާއިރު، މިހާރު ޓެކްސް ނިޒާމުން ބޭރުގައި ހިނގާ މުއާމަލާތްތަކުގެ އަދަދު ވަރަށް ބޮޑެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އަންދާޒާތަކުން ދައްކާ ގޮތުގައި، މި އިސްލާހު ތަންފީޒުކުރުމުން ދައުލަތުގެ އާމްދަނީއަށް އަހަރަކު ބޮޑު ކުރިއެރުމެއް އަންނާނެއެވެ:

ދައުލަތުގެ އާމްދަނީ އަހަރަކަށް އިތުރުވާނެކަމަށް ލަފާކުރާ މިންވަރު، މިލިއަން ރުފިޔާއިން / މައުލޫމާތު: މީރާ

މި ފައިސާއަކީ ސީދާ ބޭރު ފައިސާއިން (ޑޮލަރުން) ދައުލަތަށް ލިބޭނެ އާމްދަނީއެކެވެ. މިހާރު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ދަތިކަމުގެ މައިގަނޑު ސަބަބަކީ ޑޮލަރުގެ ޑިމާންޑާ އެއްވަރަށް ސަޕްލައި އިތުރުނުވުމެވެ. މި ނިޒާމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވަކަށް ވަންނަ ބޭރު ފައިސާގެ އަދަދު ބޮޑުތަނުން އިތުރުވެގެންދާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމަށް ބޭނުންވާ ޑޮލަރު ދޫކުރުމުގެ ޖާގަ ތަނަވަސްވެ، އާންމު ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބުމަށް މަގުފަހިވާނެއެވެ. އަދި ކަޅުބާޒާރުގައި ޑޮލަރުގެ އަގު ކޮންޓްރޯލްވެ، އަގު ދަށްވުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެންދާނެއެވެ.

މީހަކު ޑޮލަރު ގުނަނީ

އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދުތަކަށް ކުރާނެ އަސަރު

މިވަގުތު މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ ދަށުން މި ޓެކްސް އަމާޒުކުރެވެނީ ހަމައެކަނި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކުން ވިއްކާ ރާއްޖޭގެ ފަތުރުވެރިކަމުގެ އުފެއްދުންތަކަށެވެ. އެހެންކަމުން، މީގެ ސަބަބުން ދިވެހި ރައްޔިތުން އާންމު ދިރިއުޅުމުގައި ކުރަންޖެހޭ އެއްވެސް ހަރަދެއް އިތުރެއް ނުވާނެއެވެ. ކާބޯތަކެއްޗާއި، ބޭސްފަރުވާއާއި، ފެނާއި ކަރަންޓު ފަދަ ޒަރޫރީ ހިދުމަތްތަކުގެ އަގުތަކަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ނަމަވެސް، ޑެސްޓިނޭޝަން ޕްރިންސިޕަލްގެ ދަށުން އިމްޕޯޓުން ޖީއެސްޓީ ނަގަން ފެށޭ މަރުހަލާގައި، ބޭރުގެ އޮންލައިން ވިޔަފާރިތަކުން ގަންނަ މުދަލާއި ހިދުމަތުން %8 ގެ ޓެކްސްއެއް ނެގޭނެއެވެ. މިސާލަކަށް، 'ޓީމޫ' ފަދަ އެޕަކުން 10 ޑޮލަރަށް ގަންނަ މުދަލަކަށް 0.08 ޑޮލަރުގެ ޓެކްސްއެއް އިތުރުވެ، އެ މުދަލުގެ އަގު 10.08 ޑޮލަރަށް ބަދަލުވާނެއެވެ. މިއީ ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ހުރި ފިހާރަތަކުން މުދާ ވިއްކާއިރު ނަގާ ޖީއެސްޓީއާ އެއްހަމަކޮށް، ދިވެހި ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް އެޅޭ ބޭނުންތެރި ފިޔަވަޅެކެވެ.

ބާޒާރު މަތީގައި ހުރި ފިހާރައަކުން ބަޔަަކު ވިޔަފާރި ކުރަނީ / ފޮޓޯ: ދަ ޕްރެސް

ބައިނަލްއަގްވާމީ މިންގަނޑުތަކާއި ބޭރުގެ ވިޔަފާރިތަކުގެ އެއްބާރުލުން

ބޭރުގެ ވިޔަފާރިތަކުން ރާއްޖޭގެ ޓެކްސް ނިޒާމަށް ބޯއަޅައި ފައިސާ ދައްކާނެތޯ މިއީ އުފެދިދާނެ ސުވާލެކެވެ. މީރާއިން މިހާރު ރާވަމުންދަނީ އެ ފަރާތްތަކާ ގުޅިގެން މަސައްކަތްކޮށް، އޮންލައިންކޮށް ރަޖިސްޓްރީވުމާއި ފައިސާ ދެއްކޭނެ ވަރަށް ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.

މިފަދަ ނިޒާމުތަކަކީ އޭޝިއާގެ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތައް ހިމެނޭހެން، ދުނިޔޭގެ 60 އަށްވުރެ ގިނަ ގައުމުގައި މިހާރުވެސް ވަރަށް ކާމިޔާބުކަމާއެކު ތަންފީޒުކުރަމުން އަންނަ އުސޫލެކެވެ. ބައިނަލްއަގްވާމީ މާލީ އިދާރާ (އައިއެމްއެފް) އިން 2022 ވަނަ އަހަރު ނެރުނު ޓެކްނިކަލް އެސިސްޓަންސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ގާނޫނުތަކަށް ބޯނުއެޅުމުގެ ސަބަބުން ބޮޑެތި ވިޔަފާރިތަކުގެ އަގު (ރެޕިއުޓޭޝަން) ވެއްޓިދާނެތީ، އެ ފަރާތްތަކުން އަމިއްލައަށް އިސްނަގައިގެން ޓެކްސް އިދާރާތަކާއެކު ގުޅިގެން މަސައްކަތްކުރާނެއެވެ.

މީގެއިތުރުން، މި ޓެކުހަކީ އެ ކުންފުނިތަކުގެ އަމިއްލަ ފައިދާއިން ނަގާ ޓެކުހަކަށް ނުވެ، ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަތުން ނަގައި ދައުލަތަށް ދައްކަންޖެހޭ އެއްޗަކަށް ވާތީ، ބޭރުގެ ވިޔަފާރިތަކުން ރާއްޖެއަށް ދޭ ހިދުމަތްތައް ހުއްޓާލުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ސަބަބަކީ އެހެން ގައުމުތަކުގައިވެސް އެ ފަރާތްތަކުން އަމަލުކުރަމުންދަނީ ހަމަ މި އުސޫލަށް ކަމަށްވާތީއެވެ.

'ޑެސްޓިނޭޝަން ޕްރިންސިޕަލް' ދިވެހިރާއްޖޭގައި ތަންފީޒުކުރުމަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް އާމްދަނީ އިތުރުކޮށްލުމަށް އެޅޭ ފިޔަވަޅެއް ނޫނެވެ. މިއީ ގައުމީ ޓެކްސް ނިޒާމުގައި ހުރި ބޮޑެތި ފަރަގުތައް ނައްތާލައި، ދިވެހި ވިޔަފާރިތަކަށް އިންސާފުވެރި ވާދަވެރި މާހައުލެއް ގާއިމުކޮށްދޭނެ ކަމެކެވެ. އަދި ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ފަތުރުވެރިކަމުގެ ހިދުމަތްތަކުން ލިބޭ ހައްގު މަންފާ، ބޭރުގެ މެދުވެރިންގެ އަތްމަތިން ސަލާމަތްކޮށް ދިވެހި ރައްޔިތުންނަށާއި ދައުލަތަށް ފުރިހަމައަށް ހޯދައިދިނުމަށް އެޅޭ ވަރަށް ހަރުދަނާ، ޒަމާނީ އަދި އިގްތިސާދީ ގޮތުން ކޮންމެހެން މުހިންމު ފިޔަވަޅެކެވެ.