އޮންލައިން ބުކިންގް ޕްލެޓްފޯމްތަކާއި، ބޭރުގެ ޓުއާ އޮޕަރޭޓަރުން އަދި ރާއްޖޭން ބޭރުގެ ޓްރެވަލް އެޖެންޓުންނާ ގުޅޭގޮތުން މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓޫއާ އޮޕަރޭޓަރުން (މަޓާޓޯ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަޓާޓޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންސާފުވެރި އަދި ހަމަހަމަ ޓެކްސް ނިޒާމަކަށް އެ ޖަމިއްޔާއިން އަބަދުވެސް ތާއީދުކުރާ ކަމަށެވެ. ނަމަވެސް މިހާރު މި އިސްލާހު އޮތް ގޮތުން ދިވެހި ޓްރެވަލް އެޖެންޓުންނާއި ޓޫއާ އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ރާއްޖޭގެ ވިޔަފާރިތަކަށް އެދެވޭ އެއްވެސް ފައިދާއެއް ނުވަތަ ރައްކާތެރިކަމެއް ލިބިގެންނުދާ ކަމަށެވެ.
ހާއްސަ ގޮތެއްގައި މިފަދަ ބޮޑު ބަދަލެއް އެކުލަވާލުމުގެ ކުރިން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަޓާޓޯއާއި ދިވެހި އެޖެންޓުންނާ އެކަށީގެންވާ މަޝްވަރާއެއް ކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން މަޓާޓޯއިން ފާހަގަކުރެއެވެ. އެ ޖަމިއްޔާއިން ބުނިގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ވިއްކުމުގެ ނިޒާމަކީ ބޭރުގެ އެތައް ހާސް އޮޕަރޭޓަރުންނާއި ހޯލްސޭލަރުންނާ ގުޅިފައިވާ އޮޅުންބޮޅުން ބޮޑު ނިޒާމެކެވެ.
ހުށަހެޅިފައިވާ އޮނިގަނޑުގައި، ރާއްޖޭގައި ދާއިމީ އޮފީހެއް ނެތް ބޭރުގެ ފަރާތްތައް މީރާގައި ރަޖިސްޓްރީވާން މަޖުބޫރުކުރުމަކީ އަމަލީ ގޮތުން ތަންފީޒުކުރަން އިންތިހާއަށް އުނދަގޫ ކަމެކެވެ. އަދި ބޭރުގެ ވިޔަފާރިވެރިން ޓެކްސްއަށް އަހުލުވެރިކުރުވައި، އެ ފަރާތްތަކުން ޓެކްސް ދައްކާތޯ ބެލުމުގެ ޒިންމާ ދިވެހި އެޖެންޓުންގެ ބޮލުގައި ނޭޅުވޭނެ ކަމަށްވެސް މަޓާޓޯއިން ބުނެފައިވެއެވެ. މީގެ ސަބަބުން ބޭރުގެ ފަރާތްތަކުން ރާއްޖެ ވިއްކުން މަދުކޮށް، ވާދަވެރި އެހެން ގައުމުތަކަށް ވިޔަފާރި ބަދަލުކުރުމުގެ ބިރު އޮތްއިރު، އޭގެ އެންމެ ބޮޑު ގެއްލުމެއް ވާނީ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.
މީގެ އިތުރުން، އޮގަސްޓް މަހު ހުށަހެޅި މި އިސްލާހަށް 1 އޮކްޓޯބަރު 2026 އިން ފެށިގެން އަމަލުކުރަން ނިންމާފައިވާ ވަގުތާމެދުވެސް މަޓާޓޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ކުރިއަށްއޮތް ފަތުރުވެރިކަމުގެ ސީޒަނަށް ރިސޯޓް އެއްބަސްވުންތައް ހެދި، ބުކިންގްތައް ކަށަވަރުވެފައި ވަނިކޮށް މިފަދަ ބަދަލެއް ގެނައުމުން މާލީ ބޮޑެތި ބުރަތަކެއް އުފުލަންޖެހޭނެތީ، އެކަށީގެންވާ ޓްރާންސިޝަން މުއްދަތެއް ދިނުމަށް ވަނީ އެދިފައެވެ.
ހަމައެއާއެކު، ބޭރުގެ އޮޕަރޭޓަރުންގެ މާޖިން ދެނެގަތުމުގައި ހުރި އަމަލީ ގޮންޖެހުންތަކާއި، ދިވެހި އެޖެންޓުންގެ ޒަމާންވީ ވިޔަފާރީގެ ސިއްރު މައުލޫމާތުތައް ރައްކާތެރިކުރުމުގެ ވަރުގަދަ ނިޒާމެއް ނެތި އެ މައުލޫމާތު ހާމަކުރަންޖެހުމަކީ އޮތް ބޮޑު ބިރެއްކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ. ވިޔަފާރީގެ މުހިންމު މައުލޫމާތު ނާޖާއިޒު ގޮތުގައި ބޭނުންކުރުމާއި މަސްލަހަތު ފުށުއެރުމުގެ ކަންބޮޑުވުން އަމިއްލަ ސެކްޓަރުގައި އަބަދުވެސް އޮންނަކަން މަޓާޓޯއިން ހަނދާންކޮށްދިނެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ނަމުގައި ދިވެހިންނަށް ވަޒީފާދީ، ގައުމަށް ބޭރު ފައިސާ ވައްދައިދޭ ދިވެހި އެޖެންޓުން "ގުރުބާން" ނުކުރުމަށް މަޓާޓޯއިން ގޮވާލައެވެ.
އެހެންކަމުން މަޓާޓޯއިން ސަރުކާރަށާއި މީރާއަށް ހުށަހަޅަނީ:
- މިހާރު ހުރި އެއްބަސްވުންތަކަށް އެކަށީގެންވާ ބަދަލުވުމުގެ މުއްދަތެއް ދިނުން.
- ބޭރުގެ އޮޕަރޭޓަރުން ރަޖިސްޓްރީވާންޖެހޭ އެކަށީގެންވާ ތްރެޝްހޯލްޑެއް ކަނޑައެޅުން.
- B2B އަދި B2C މުއާމަލާތްތައް ސާފުކޮށް ވަކިކުރުން.
- ރާއްޖޭގައި ގާއިމުވެނެތް ފަރާތްތަކަށް ޓެކްސް ގަވާއިދުތަކަށް އަމަލުކުރުން ލުއިކޮށްދިނުން.
- ވިޔަފާރީގެ މައުލޫމާތު ރައްކާތެރިކުރުމުގެ ހަރުދަނާ ފިޔަވަޅުތައް އެޅުން.
- މި ބަދަލުގެ ސަބަބުން ދިވެހި އެޖެންޓުންނަށާއި ފަތުރުވެރިކަމަށް ކޮށްފާނެ އަސަރުތަކުގެ ފުރިހަމަ އެސެސްމަންޓެއް ހެދުން.
ބޭރުގެ ވިޔަފާރިތަކުން ޓެކްސް ދައްކަންޖެހޭނެ ކަމަށް ގަބޫލުކުރި ނަމަވެސް، މި އިސްލާހު ތަންފީޒުކުރުމުގެ ކުރިން އަލުން މުރާޖައާކޮށް، ފަތުރުވެރިކަމުގެ ސިނާއަތުގެ ބައިވެރިންނާއެކު ހަގީގީ މާނައިގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ހައްލު ހޯދުމަށް މަޓާޓޯއިން ވަނީ ސަރުކާރަށާއި މީރާއަށް އިލްތިމާސްކޮށްފައެވެ.
