މިއަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުވާލައި، އިނާމު ދިނުމުގެ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްއިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި އިއުލާނެއްގައިވާ ގޮތުން، އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އެޕްރީލު މަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
މިއަހަރު އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" ޕޯޓަލް މެދުވެރިކޮށްގެންނެވެ. އިނާމަށް އެދި ފޯމު ހުށަހަޅާއިރު، ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ އެދިވަޑައިގެންފައެވެ.
ގައުމީ އިނާމަށް މިއަހަރުވެސް ހުޅުވާލާފައިވަނީ މައިގަނޑު 39 ދާއިރާއަކުންނެވެ. އެގޮތުން ކުރީ އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުވެސް އަމިއްލަ ފަރާތްތަކުންނާއި، އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތްތަކުން އަދި ވިޔަފާރިތަކުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް ސީދާ ނަން ހުށަހެޅޭނެއެވެ. މީގެ އިތުރުން ސަރުކާރުގެ އިދާރާތަކަށާއި މިނިވަން މުއައްސަސާތަކަށްވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޤައުމީ އިނާމު ދިނުމުގައި ވަކި ފަރުދުންގެ ޚިދުމަތުގެ މުއްދަތު ގުނުމަށް ހަމަޖެހިފައިވަނީ، އެ މީހެއްގެ އުމުރުން 18 އަހަރު ފުރުމަށްފަހު ކޮށްފައިވާ ޚިދުމަތްތަކަށެވެ. ޤައުމީ އިނާމު ބެހިގެންވަނީ މައިގަނޑު ދެ ގިންތިއަކަށެވެ. އެއީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމެވެ.
މިއަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ ޤައުމަށް ފައިދާހުރި، ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވާފައިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ސަރުކާރުން ދެއްވާ އެންމެ ޝަރަފުވެރި އިނާމެވެ
