ގައުމީ ދުވަހުގެ މުނާސަބަތުގައި ސަރުކާރުން ދެއްވުމަށް ހަމަޖެއްސެވި ޝަރަފުވެރިކަމުގެ ގައުމީ އިނާމު 3 ބޭފުޅަކަށް، އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 9 ބޭފުޅަކަށާއި ކުންފުންޏަކަށް ދީފިއެވެ.
މި އިނާމުތައް ދެއްވީ، ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ހއ. އުތީމުގައި ބޭއްވެވި ރަސްމީ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އެރުވީ، އެ ބޭފުޅާގެ ހަނދާނަށެވެ.
އެގޮތުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އެރުވި 3 ބޭފުޅުންނަކީ:
- ފަޟީލަތުއްޝައިހް އިސްމާއީލް މުހައްމަދު މއ. ފީރޯޒްވާދީ (އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި، ދީނަށް ހިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން)
- މުހައްމަދު މައުރޫފް ޖަމީލް މ. ދޫރެސް (އިމާރާތް ކުރުމާއި، އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން)
- އަލްމަރްހޫމް މުހައްމަދު މާޖިދުގެ ހަނދާނަށް ގ. ކްރީމްގެ ( ޕާފޯމިންގް އާޓްސްގެ ދާއިރާއިން)
ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 9 ބޭފުޅުންނާއި ކުންފުންޏަކީ:
- ހުސްނާ ފަހްމީ މ. އަފްޒާ (ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހިބަހުން ފޮތްލިޔެ އެކުލަވައިލުމާއި، ޝާއިޢުކުރުމުގެ ރޮނގުން)
- އިއްޒަތު އަހުމަދު ނިޒާރު ސެލްވިން، ހދ.މަކުނުދޫ (ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން)
- ޑރ. އަބްދުލްއަޒީޒް ހަމީދު ފިނިފެންމާގެ، ފ.ނިލަންދޫ (ސިއްހީ ދާއިރާއިން ސިއްހީ ރޮނގުން ހިދުމަތްކުރުމާއި، މީހުންގެ ހޭލުންތެރިކަން އިތުރުކުރުވުން)
- އާމިރާ ސުލައިމާން ފެހިއަލި، ބ. ކެންދޫ (ސިއްހީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެމަސައްކަތް ތަރައްގީކުރުމުގެ ރޮނގުން)
- ފާތިމަތު އިބްރާހިމް ކާނިމާގެ، ޅ. ހިންނަވަރު (އިޖުތިމާޢީ ރައްކައުތެރިކަމާއި ، އިންސާނީ ޙައްޤުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ކުދީންނާއި މީހުންނަށް ހިދުމަތް ކުރުމުގެ ރޮނގުން)
- އަހުމަދު ވަހީދު އަލީ ވެހި، ހއ. ކެލާ (އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން ޖަމާއަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން)
- އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކޮމްޕެނީ (ވިޔަފާރިއާއި އިގްތިސާދީ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީ ކުރުމުގެ ރޮނގުން)
- އަލީމުއްދީން ވިކްޓަރީ، ސ. ފޭދޫ ( މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތް ކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން)
- މުހައްމަދު ޖައިލަމް ޝާދީވިލާ، ގދ. ފިޔޯރީ (މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓާ ސޮފްޓްވެއާއާއި، ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން)
- ޒަހިއްޔާ މުހައްމަދު މުރީދުގެ، އއ. އުކުޅަސް (އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުންކޮށްނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން)
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.