ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ދަތުރުކުރަމުންދިޔަ މި ލޯންޗު އަޑިއަށް ގޮސްފައިވަނީ ކ. ގިރިފުށި ކައިރިންނެވެ. އެވަގުތު އެ ލޯންޗުގައި ކުޑަކުދިންވެސް ތިއްބެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެ ލޯންޗު ދިޔަވި ވަގުތު އެހެން ދޯންޏެއް ކައިރިކޮށް އޭގައި ތިބި މީހުން އެ ދޯންޏަށް އަރާ މަންޒަރު ފެނެއެވެ. އަދި އެންމެން ދޯންޏަށް އެރުނުތާ މާ ގިނައިރެއް ނުވެ ލޯންޗު އަޑިއަށް ދިޔައެވެ.
މި ހާދިސާ އާއި ގުޅިގެން ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާއިރު މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދާއި މާދަމާވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައެވެ. މެޓް އޮފީހުން ބުނީ ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން ކުރިއަށް އޮތް 2 ދުވަހު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ބާރުވެ، ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
އެގޮތުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެފައި ވެއެވެ.
