ބޭންކިންގ ނިޒާމުގެ ތެރެއިން ބޭރު ފައިސާ ލިބުން އިތުރަށް ފަސޭހަކޮށްދިނުމަށާއި، ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ ފިއްތުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން، ބޭންކުތަކަށް ހަފުތާއަކު ދޫކުރާ އެމެރިކާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފިއެވެ.
އެމްއެމްއޭ އިން ބުނީ މި ހަފުތާއިން ފެށިގެން ކުރިއަށް އޮތް ތިން ހަފުތާގެ މުއްދަތަށް ގެނެވުނު މި އިތުރުވުމަކީ، ރާއްޖެއަށް މުދާ އިމްޕޯޓްކުރުމުގައި ވިޔަފާރިތަކަށް ދިމާވަމުންދާ ޑޮލަރު ހޯދުމުގެ ދަތިތަކަށް ހައްލެއް ހޯދައިދީ، ބޭންކިންގ ނިޒާމުގެ ތެރެއިން ފައިސާ ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅި ފިޔަވަޅެއްކަމަށެވެ.
މިދިޔަ ފެބުރުއަރީ މަހުން ފެށިގެން ރާއްޖެއަށް ވަންނަ ޑޮލަރުގެ މިންވަރު މަދުވެފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ މަޑުޖެހުމާ ގުޅިގެންނެވެ.
އެމްއެމްއޭއިން ބުނީ ރަމަޟާން މަހު ކާބޯތަކެތި އިމްޕޯޓްކުރާ ވިޔަފާރިވެރިންނަށް އެހީތެރިވުމަށް 32 އިންސައްތަ އަދި ފަތުރުވެރިކަމުގެ އޮފް-ސީޒަނާ ދިމާކޮށް މިދިޔަ ޖޫން މަހު 26 އިންސައްތައިގެ އިތުރުވުމެއްވެސް އެމްއެމްއޭއިން ވަނީ ބޭންކުތަކަށް ދޫކުރި ޑޮލަރުގެ މިންވަރަށް ގެނެސްފައިކަމަށެވެ.
ރަސްމީކޮށް ޑޮލަރުގެ މާރުކުރާ އަގަކީ 15.42 ރުފިޔާ ކަމަށްވީ ނަމަވެސް، ބާޒާރުގައި ޑޮލަރުގެ ދަތިކަން ބޮޑުވުމުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު ވަނީ 22.25 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ.
ބާޒާރުގައި ދައުރުވާ އިތުރު ރުފިޔާ ކޮންޓްރޯލްކޮށް، ޑޮލަރަށް އޮތް ޕްރެޝަރު ކުޑަކުރުމަށް ޓަކައި އެމްއެމްއޭއިން ވަނީ ބޭންކުތަކުގެ މިނިމަމް ރިޒާވް ރިކުއާމަންޓް 10.5 އިންސައްތައިން 11 އިންސައްތައަށް މަތިކުރުމަށާއި، އޯޕަން މާކެޓް އޮޕަރޭޝަންސް މެދުވެރިކޮށް ބޭންކިން ނިޒާމުން ރުފިޔާ ނެގުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
