ދިވެހިރާއްޖޭގެ ރަސްމީ އެކްސްޗޭންޖް ރޭޓް 25 ރުފިޔާއަށް ބަދަލުކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ސިޔާސީ ދޮގުތަކެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ބައެއް މީޑިއާތައް ގުޅިގެން ރޭ ގެނެސްދިން "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ޑޮލަރުގެ އަގު ބޮޑުކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ މާކެޓް ހަލާބޮލިކޮށްލުމުގެ ނިޔަތުގައި ފަތުރާ "ފޭކް ނިއުސް" ކަމަށެވެ. އެކްސްޗޭންޖް ރޭޓަށް ބަދަލު ގެނައުމަކީ އެމްއެމްއޭގެ އިޚްތިޔާރުގައި އޮންނަ ކަމެއްކަން ފާހަގަކުރައްވައި، ސަރުކާރުގެ އެފަދަ އެއްވެސް ނިންމުމެއް ނެތް ކަމަށް ވަޒީރު ކަށަވަރުކޮށްދެއްވިއެވެ.

މިނިސްޓަރު ސައީދު އިތުރަށް ވިދާޅުވީ، މިހާރު އިްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ ކުރީ ސަރުކާރުން އިންތިހާއަށް ފައިސާ ޗާޕްކުރުމުގެ ނަތީޖާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ފައިސާ ޗާޕްނުކޮށް، ދަރަނިތައް އަދާކުރަމުން އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލިފައިވީ ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ބިރުގަންނަންޖެހޭ ފަދަ ދަށު ދަރަޖައަކަށް ގޮސްފައިނުވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިގްތިސާދުގެ ދެފަރާތް ޕްރޮގްރާމްގެ ތެރެއިން

މި ޕްރޮގްރާމްގައި ބީއެމްއެލްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓެރެޓަޖީ މުހައްމަދު ސައީދު ވަނީ، ބޭންކުން މާކެޓަށް ދޫކުރާ ޑޮލަރުގެ މިންވަރު އާދަޔާހިލާފަށް އިތުރުވެފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެކަނިވެސް 570 މިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާ ކަމަށާއި، މިއީ ފާއިތުވި އަހަރުތަކާ އަޅައިބަލާއިރު 77 ޕަސެންޓްގެ ބޮޑު އިތުރުވުމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބީއެމްއެލްއިން މިހާރު ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 2.7 މިލިއަން ޑޮލަރު ބާޒާރަށް ނެރެއެވެ. މީގެ ތެރޭގައި ވިޔަފާރިތަކަށް ބޭނުންވާ ޓީޓީ ހެއްދުމާއި ކާޑު މުޢާމަލާތްތަކަށް ބޭނުންވާ ބޭރު ފައިސާ ހިމެނެއެވެ. ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 22 ރުފިޔާއަށްވުރެ މަތީގައި ހުރި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަށްދާ ގޮތުން ކުރިއަށް އޮތް ތަނުގައި މާކެޓް ހަމައަކަށް އެޅޭނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.