މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.
ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުބިތުވީ ދަފްތަރު ނަންބަރު 07 / ސ. މީދޫ, އަބްދުލްވައްހާބު އަހުމަދު (59އ)ގެ މައްޗަށެވެ.
އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން އިއްޔެއެވެ. އަބްދުލްވައްހާބު 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށްވެސް ހުކުމުގައި ވެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ 2021 ޑިސެމްބަރު 1 ވަނަ ދުވަހުއެވެ. މި މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ 2022 ޖަނަވަރީ 13 ވަނަ ދުވަހުއެވެ.
ދާދި ފަހުން ވެސް ކްރިމިނަލް ކޯޓުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ، ދިވެހި ފިރިހެނަކު 25 އަހަރަށް ޖަލަށްލާ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވެއެވެ. މިދިޔަ މެއި މަހުގެ 18 ވަނަ ދުވަހު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ހުކުމް އިއްވާފައިވަނީ ނ. މިލަދޫ / އަލަމާގެ، އަހުމަދު އަބްދުލްހާދީ (43އ) ގެ މައްޗަށެވެ.
އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ގާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ގާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުންނެވެ.
އަދި އޭގެ އިތުރުން ވެސް ދެ މީހަކު 25 އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައި ވެއެވެ. އެފަހަރު ކުށް ސާބިތުވެފައި ވަނީ ކެނަބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ / ދިލްބަހާރުގެ، އަހުމަދު އިބްރާހީމް (44އ)ގެ އިތުރުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށް ސާބިތުވެފައި ވަނީ ނ. ވެލިދޫ، ހެޕީގާޑްން، ހުސައިން އިބްރާހީމް (39އ) ގެ މައްޗަށެވެ.
