ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ތިއްބަވައިގެން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" މި ގައުމަށް އުފުލޭވަރުގެ ތަކުލީފެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ގެކޮޅުގައި ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެމްޑީޕީއަކީ ހަމައެކަނި ނަމެއްގައި ޑިމޮކްރެޓިކް ޕާޓީއެއްގެ ގޮތުގައި އުޅުނު ނަމަވެސް ޑިމޮކްރަސީގެ އަސާސްތަކަށް ފާޅުގައި އަރައިގަންނަމުންދާ ބައެއްގެ ގޮތުގައި ޔާމީން ވަނީ ސިފަކުރައްވާފައެވެ.
މީގެ އިތުރުން ޔާމީން ވަނީ އެމްޑީޕީން މުޅި ފަނޑިޔާރުގެ ބަދަލުކޮށްލަން ކުރި މަސައްކަތްތަކަށާއި، ޖޭއެސްސީ މެދުވެރިކޮށް ދަންވަރު ނިންމުންތައް ނިންމާފައިވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އަދި ކޮރަޕްޝަން ނައްތާލުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށާއި އެހެނިހެން މުއައްސަސާތަކަށް އިލްމީ ބޭފުޅުން ހޮވަންޖެހޭ ކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ، އިލްމު ހުރި ނަމަ ކޮރަޕްޝަންގެ ކުށްތަކަށް އަރައިގަންނަން ޖެހިލުންވާނެ ކަމަށެވެ.
ދިވެހިރާއްޖެއަކީ އިސްލާމީ ދައުލަތަކަށްވާތީ، ޑިމޮކްރަސީގެ ހަމަތަކާއި އުސޫލުތައް ހިންގަންވާނީ މި ގައުމަށް އެންމެ ރަނގަޅު ގޮތަށް ކަމަށް ޔާމީން ވިދާޅުވިއެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ އިދިކޮޅު އެމްޑީޕީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެމެދުން ފަރާތެއް އިހްތިޔާރު ކުރަންޖެހޭ ހާލަތެއްގައި، އަދިވެސް އިހްތިޔާރުކުރާނީ ރައީސް މުއިއްޒު ކަމަށެވެ.
