މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގެ ތެރެއިން، ހަފްތާއެއްގެ ތެރޭގައި މާލޭގެ އާންމު ތަންތަނަށް ކުނިއެޅުމާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމުގެ ގިނަ މައްސަލަތަކެއް ފާހަގަކޮށް އެކަމާ މެދު ފިޔަވަޅު އަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުލައި 26 އިން އޯގަސްޓް 1 ގެ ނިޔަލަށް ޖުމްލަ 321 މައްސަލައެއް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން 96 މައްސަލައެއް މިހާރު ވަނީ އެއްކޮށް ހައްލުކޮށް ނިންމާފައެވެ. އަދި 225 މައްސަލައެއްގެ ފޮލޯއަޕް މަސައްކަތްތައް ދަނީ ކުރަމުން ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެއެވެ. މި މުއްދަތުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 5 ފަރާތެއް ޖޫރިމަނާކޮށްފައިވާއިރު، 8 ފަރާތަކަށް ވަނީ ނަސޭހަތްތެރިވެފައެވެ.

ފާހަގަވި މުހިންމު މައްސަލަތަކުގެ ތެރޭގައި:

  • މަގުތަކާއި، ގޯޅިތަކާއި، ފަޅުތެރެއާއި، މިސްކިތްތަކާއި އަދި އާންމު ޕާކުތަކަށް ކުނި އެޅުމުގެ 256 މައްސަލައެއް
  • މަގުމަތީގައި ގަވާއިދާ ހިލާފަށް ވިޔަފާރިކުރުމުގެ 11 މައްސަލައެއް
  • މަގުގެ ޕޭވްމަންޓް، ކާނު އަދި މަގުގެ ގައުތައް ހަލާކުވެފައި ހުރުމުގެ 12 މައްސަލައެއް
  • ފުރާޅުން ފެން އައުޓްގޭ ނެތުމާއި، މަގުތަކަށް އޭސީ ފެން ތިކިޖެހުމުގެ 15 މައްސަލައެއް
  • މަގުމަތީގެ ނިޝާންތަކާއި ސައިން ބޯޑުތައް ހަލާކުވުމުގެ 15 މައްސަލައެއް
  • ބޯޑުތައް ފަނޑުވުމާއި ޓްރެފިކް ލައިޓްތައް ހަލާކުވުމުގެ 15 މައްސަލައެއް

މީގެ އިތުރުން، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ވަނީ މާލޭގެ ޕާކްތަކާއި، މިސްކިތްތަކާއި އަދި މައިޒާންތައް ހާއްސަ ގޮތެއްގައި ބަލައި ފާސްކުރުމުގެ 3 ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުން ދަނީ މާލެއަކީ އަމާން އަދި ސާފުތާހިރު ތަނަކަށް ހެދުމަށެވެ. އެގޮތުން ގަވާއިދާ ހިލާފަށް އާންމު ތަންތަނަށް ކުނި އަޅާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ކައުންސިލުން ދަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.

މާލޭގެ މަގުތަކާއި ހުސް ބިންތަކަށް ކުނި އެޅުމަކީ "އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ގާނޫނު" ގެ ދަށުން މަނާ ކަމެކެވެ. މި ގާނޫނުގެ ދަށުން، ގަވާއިދާ ހިލާފަށް ކުނި ބަހައްޓާ ކޮންމެ މީހަކު 500 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ކައުންސިލަށް ލިބިގެންވެއެވެ. މިކަން މޮނިޓާ ކުރުމަށްޓަކައި ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 70 އަށް ވުރެ ގިނަ މުވައްޒަފުން، މާލެ 8 ޒޯނަކަށް ބަހާލައިގެން ދަނީ ހަރަކާތްތެރިވަމުންނެވެ.