ދިވެހިރާއްޖޭގެ ވެރިކަން ކުރާ ރަށް، މާލެއަކީ ދުނިޔޭގެ ނިސްބަތުން ވެސް އެންމެ އާބާދީ ބޮޑު އަދި ތޮއްޖެހިފައިވާ އެއް ރަށެވެ. މި ތޮއްޖެހުމާއެކު މާލެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައެވެ. ފަހަކަށް އައިސް މާލޭގެ އެކި މަގުތަކަށް އާންމު ކުނީގެ އިތުރުން ބޮޑެތި ކުނި ނެރެފައި ބެހެއްޓުމަކީ ވަރަށް އާންމު ކަމަކަށް ވަނީ ވެފައެވެ. މީގެ ތެރޭގައި ބޭނުންކޮށްފައި ހުންނަ ގޮދަޑި، ފްރިޖް، އަދި އެކި ބާވަތްތަކުގެ ފަރުނީޗަރު ހިމެނެއެވެ. މިފަދަ ތަކެތި މަގުމަތީގައި ބަހައްޓާފައި ހުންނާތީ، އެ ތަކެތީގެ ވެރިފަރާތް ހޯދުމަށް މާލެ ސިޓީ ކައުންސިލުން އާންމުކޮށް އިއުލާނު ކުރަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

މާލޭގެ އެކި ސަރަހައްދުތަކުގެ މަގު މައްޗަށް ނެރެފައި ހުރި ބޮޑެތި ކުނި / ފޮޓޯ: މާލެ ސިޓީ ކައުންސިލް

މި މައްސަލަ ކުރިމަތިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ވެމްކޯ މެދުވެރިކޮށް ބޮޑެތި ކުނި އުކާލުމަށް ނަގާ އަގު ބޮޑުވުމާއި، އެފަދަ ކުނި ނެގުމަށް ނަން ނޯޓުކޮށް ވަކި ގަޑިތަކަކަށް އިންތިޒާރު ކުރަންޖެހުން ގިނަ ބަޔަކަށް ތަކުލީފަކަށް ވުން ހިމެނެއެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު އިހްތިޔާރު ކުރަނީ ސިއްރިއްޔާތުގައި މަގުމައްޗަށް މިފަދަ ތަކެތި ދޫކޮށްލުމަށެވެ.

މާލޭގެ މަގުތަކާއި އާންމު މައިދާންތަކުގައި ކުނި ގިނަވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވާ ދަތިތަކާއި، އާންމުން މިކަމުގައި ދެކޭ ގޮތް ދެނެގަތުމަށްޓަކައި، މާލޭގައި މަރީތައުލީމު ހާސިލުކުރަމުންދާ ދަރިވަރަކު ވަނީ މާލޭގައި ދިރިއުޅޭ މީހުންގެ މެދުގައި ހާއްސަ ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. ކުރު މުއްދަކަށް ކުރިއަށް ގެންދިޔަ މި ސާވޭގައި 1000 އަށްވުރެއް ގިނަ މީހުން ބައިވެރިވެފައިވެއެވެ. މި ރިޕޯޓަކީ އެ ސާވޭއިން ލިބުނު މައުލޫމާތާއި ނަތީޖާތަކުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ތަފްސީލީ ރިޕޯޓެކެވެ.

ސާވޭގެ ބައިވެރިވެ މައުލޫމާތު ހިއްސާކުރި ފަރާތްތަކުގެ ތަފާސް ހިސާބު

ކުނިވަށިތަކުގެ ދަތިކަމާއި އާންމުންގެ ޝަކުވާ

ސާވޭގެ ބައިވެރިންގެ އެއް ޝަކުވާއަކީ މާލޭގެ މަގުތަކުގައި ކުނިވަށި ބަހައްޓާފައި ހުންނަ މިންވަރު ނިސްބަތުން ވަރަށް މަދުވުމެވެ. ސާވޭގެ ނަތީޖާއިން ދައްކާ ގޮތުގައި، ގިނަ މަގުތަކެއްގައި ކުނިވަށި ނެތުމުގެ ސަބަބުން މަގުމަތީގައި އުޅޭ މީހުން އަތުގައި ހުންނަ ކުދިކުދި ކުނިތައް މަގުމައްޗަށް އެޅުމަށް މަގުފަހިވެއެވެ. އަދި ބަހައްޓާފައި ހުންނަ މަދު ކުނިވަށިތައް ވެސް ވަގުތުން ސާފުނުކުރެވުމުގެ ސަބަބުން، ކުނިވަށިތައް ފުރި ބަންޑުންވެ، ކުނިތައް މަގުމައްޗަށް ފެތުރިފައި ހުންނަ މަންޒަރަކީ އާންމު މަންޒަރަކަށް ވެގެންދެއެވެ.

އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއިން ނަގާފައިވާ މައުލޫމާތު

މިކަމަށް އޮތް ހައްލެއްގެ ގޮތުން ސާވޭގެ ބައިވެރިން ލަފާދީފައިވަނީ، މާލޭގެ ކޮންމެ ބްލޮކެއްގައި ނުވަތަ ކޮންމެ އަވަށެއްގައި ވެސް އާންމު ބޮޑެތި ކުނިވަށިތަކެއް ބެހެއްޓުމަށެވެ. އަދި މި ކުނިވަށިތައް ދުވާލަކު އެތައް ފަހަރަކު ގަވާއިދުން ސާފުކުރެވޭނެ ހަރުދަނާ އިންތިޒާމެއް ސިޓީ ކައުންސިލާއި ވެމްކޯ ގުޅިގެން ހަމަޖައްސަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުނި އުފުލުމުގެ ގަޑިތަކާއި ޓްރެފިކްގެ ދަތިތައް

ވެމްކޯގެ ފަރާތުން ކުނި އުފުލުމަށް ގެންގުޅޭ އުޅަނދުތައް މަގުމަތީގައި ހަރަކާތްތެރިވާ ގަޑިތަކަކީ ވެސް އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް ކަމެކެވެ. ސާވޭއިން ހާމަވި ގޮތުގައި، ސްކޫލްތަކާއި އޮފީސްތައް ހުޅުވިފައި ހުންނަ ވަގުތު ތަކުގައި ބޮޑެތި ކުނި އުފުލާ ލޮރީތައް މަގުމަތީގައި އުޅުމުގެ ސަބަބުން މާލޭގެ ހަނި މަގުތަކުގައި ޓްރެފިކް ތޮއްޖެހި، ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެއެވެ.

ވެމްކޯގެ ކުނި އުފުލާ ވެހިކަލެއް / ފޮޓޯ: ދަ ޕްރެސް

އެހެންކަމުން، ކުނި އުފުލާ ގަޑިތަކަކީ އާންމުން މަގުމަތީގައި މަދުން އުޅޭ ވަގުތުތަކެއް ކަމުގައިވާ ރޭގަނޑުގެ ދަންވަރު ނުވަތަ ފަތިހުގެ ވަގުތުތަކަށް ބަދަލުކުރުމުން މަގު ތޮއްޖެހުމާއި، ކުނި ވަސް ދުވުމުން ލުއިކަމެއް ލިބިގެންދާނެކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

ސިއްހީ ނުރައްކަލާއި ތިމާވެށީގެ މައްސަލަތައް

މަގުމައްޗަށް ކުނި އެޅުމަކީ ހަމައެކަނި ރަށުގެ ރީތިކަން ގެއްލޭ ކަމެއް ނޫނެވެ. އެއީ ނުރައްކާތެރި ސިއްހީ މައްސަލަތަކަށް މަގުފަހިވާ ކަމެކެވެ. މަގުމަތީގައި ހުންނަ ކުނި ކޮތަޅުތަކުން ފައިބާ ނަޖިހާއި އޭގެ ސަބަބުން ދުވާ ނުބައި ވަހަކީ މަގުމަތީގައި ހިނގާބިނގާވެ އުޅުމަށް އޮތް ވަރަށް ބޮޑު އުނދަގުލެކެވެ. ހާއްސަކޮށް ކުޑަކުދިން ގޮވައިގެން މަގުމަތީގައި ހިނގާފައި ދިއުމަކީ މިހާރު ވަރަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި ބައެއް ބެލެނިވެރިން ފާހަގަކުރެއެވެ. ވާރޭ ވެހޭ ދުވަސްވަރު މަގުމަތީ ފެންބޮޑުވާއިރު، މަގުމަތީގައި ހުންނަ ކުނިތައް ފެންގަނޑުތަކާ އެކުވެ، އެ ފެންގަނޑު ތަގައްޔަރުވެ، ޑެންގީ އާއި ތަފާތު ރޯގާތައް ފެތުރުމުގެ ބިރު ބޮޑުކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މާލެ އާއި ވިލިމާލޭގެ ފަޅުތެރެ ސާފުކުރުން / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ކުނީގެ މައްސަލަ ބޮޑު ސަރަހައްދުތަކާއި ސަބަބުތައް

މި ދިރާސާގެ ތެރެއިން މާލޭގެ ބައެއް ސަރަހައްދުތަކުގައި ކުނީގެ މައްސަލަ އިންތިހާއަށް ބޮޑުކަން ވަނީ ފާހަގަކުރެވިފައެވެ. އެ ސަރަހައްދުތަކަކީ ހެންވޭރު ފިނިވައިރޯޅި ސަރަހައްދު، ސޯސަން މަގުގެ ދެކުނު ކޮޅު، ކާށިމާ ހިނގުން، ލޮނުޒިޔާރަތް މަގު، އަދި ގަލޮޅުގެ ބައެއް ހަނި ގޯޅިތައް ބައިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ބައެއް ބައިވެރިން ފާހަގަކުރި ގޮތުގައި، ހުކުރު ދުވަސްދުވަހު ޕާކުތަކާއި ބީޗު ސަރަހައްދުތަކަށް ޖަމާވާ ބިދޭސީންގެ ފަރާތުން ކުނި އެޅުމުގެ މައްސަލަ އިތުރުވެއެވެ. މީގެ އިތުރުން، މާލޭގެ އާބާދީއާއި އުޅަނދުތައް އިތުރުވުމަކީ ވެސް ކުނި މެނޭޖުކުރުމަށް އޮތް ބޮޑު ހުރަހެއް ކަމުގައިވެސް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކުނި ކޮތަޅެއް ފަޅައިގެން ގޮސް މާލޭ މަގުމައްޗަށް ކުނި އެޅިފައި / ފޮޓޯ: މާލެ ސިޓީ ކައުންސިލް

ގާނޫނު ތަންފީޒުކުރުމާއި ހަރުކަށި ފިޔަވަޅު އެޅުން

މަގުމައްޗަށް ކުނި އެޅުން ހުއްޓުވުމަށްޓަކައި މިހާރު އޮތް 500 ރުފިޔާގެ ޖޫރިމަނާއަކީ އެކަށީގެންވާ އަދަދެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެއެވެ. ސާވޭގެ ބައިވެރިން ގޮވާލާފައިވަނީ ޖޫރިމަނާގެ އަދަދު ބޮޑުކުރުމަށާއި، ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ވަގުތުން ޖޫރިމަނާކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށެވެ. ކުނި އަޅާ މިންވަރު ބޮޑުވެ، ގިނަ ބަޔަކަށް ތަކުލީފަކަށް ވެގެންދާއިރު އާންމު ތަންތަނުގައި ސީސީޓީވީ ކެމެރާ ހަރުކޮށް، ފުލުހުން ނުވަތަ ސެކިއުރިޓީ ގާޑުން މެދުވެރިކޮށް ނަމަވެސް އެ ތަންތަން 24 ގަޑިއިރު މޮނިޓާކުރުމަށް މިހާރު މިވަނީ މަޖުބޫރުވެފައެވެ.

އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއިން ނަގާފައިވާ މައުލޫމާތު

މާލެ ސާފުކޮށް ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ނުވަތަ މުއައްސަސާތަކުގެ ޒިންމާއެއް ނޫނެވެ. ސާވޭގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި، މި މައްސަލަ ހައްލުކުރުމުގައި ކޮންމެ ފަރުދެއްގެ ޒިންމާ ވެސް ބޮޑެވެ. އާންމުންގެ މެދުގައި ހޭލުންތެރިކަން ކުޑަވުމަކީ މަގުމައްޗަށް ކުނި އެޅުމުގެ މައިގަނޑު އެއް ސަބަބު ކަމަށްވެދާނެއެވެ. މިހެންކަމުން ތިމާވެށި ރައްކާތެރިކުރުމާ ގުޅޭ ހާއްސަ ޕްރޮގްރާމްތަކެއް ހިންގުމަކީ މުހިންމު ކަމެކެވެ. ގޭބިސީތަކުން ކުނި ނެރުމުގައި ފަރުވާތެރިވުމަށާއި، ކަނޑައެޅިފައިވާ ގަޑިތަކުގައި ނޫނީ ކުނި ނުނެރުމަށް އާންމުންނަށް އިރުޝާދު ދިނުމަކީވެސް ކުރަންޖެހޭ ކަމެކެވެ.

އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭގެ ނަތީޖާއިން ނަގާފައިވާ މައުލޫމާތު

ސާވޭގެ ނަތީޖާއިން ސާފުވާ ގޮތުގައި، މާލޭގެ ކުނީގެ މައްސަލައަކީ ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. މިކަމަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ސިޓީ ކައުންސިލާއި، ވެމްކޯ ފަދަ މުއައްސަސާތަކުން ދޭ ހިދުމަތްތައް ހަރުދަނާކޮށް، އާންމު ރައްޔިތުންނާ ގުޅިގެން މަސައްކަތްކޮށްގެންނެވެ. ގޮދަޑި އާއި ފަރުނީޗަރު ފަދަ ބޮޑެތި ކުނި މަގުމައްޗަށް ދޫކޮށްލާ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި، ވެމްކޯއިން އެފަދަ ކުނި ނެގުމަށް ނަގާ އަގުތަކަށް ބަދަލު ގެނައުމާއި، ކުނި ނެގުމުގެ ނިޒާމު މިހާރަށްވުރެ ލުއިފަސޭހަ ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. މީގެ އިތުރުން، ގަވާއިދުތައް ހަރުދަނާކޮށް، އެ ގަވާއިދުތައް ތަންފީޒުކުރުމާއެކު، އާންމުންގެ އަމަލުތައް ވެސް ބަދަލުކުރަން ޖެހެއެވެ. މި ފަދަ ކަންކަމަށް އަމަލީ ސިފައެއް ގެނައުމަކީ މާލެއަކީ ސާފުތާހިރު، ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި މިހާރުން މިހާރަށް ކުރަންޖެހިފައިވާ މަޖުބޫރު ކަމެކެވެ.