އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ގާޒާގައި މެދުކެނޑުމެއްނެތި ހިންގަމުންދާ ލާއިންސާނީ ހަމަލާތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު އަމަލުތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާޒާގައި އާންމު ރައްޔިތުންނަށާއި، ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި އިންފްރާސްޓްރަކްޗާއަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށެވެ.
މި ހަމަލާތަކުގައި ކުށެއްނެތް އެތައް އަންހެނުންނާއި ކުޑަކުދިންގެ ފުރާނަ ގެއްލެމުންދާކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އަދި ދިވެހި ސަރުކާރުން ވަނީ ބައިނަލްއަގްވާމީ ގާނޫނުތަކަށް ފުރިހަމައަށް ބޯލަނބައި، ހަމަލާބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުންތަކަށް އިހުތިރާމްކުރުމަށް އިޒްރޭލަށް ގޮވާލާފައެވެ. ހަމަ އެހެންމެ އިޒްރޭލުން ތަކުރާރުކޮށް ހިންގަމުންދާ މިފަދަ އަމަލުތަކުގެ ސަބަބުން މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅި، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުންތަކަށް ނުރައްކާވަމުންދާކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން، ގާޒާގައި އާންމު ރައްޔިތުންނާއި، ސިއްހީ ވަސީލަތްތަކާއި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ފުރިހަމަ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި އެއްވެސް ހުރަހެއްނެތި ގާޒާގެ ހުރިހާ ސަރަހައްދަކަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ މަގު ތަނަވަސްކޮށްދިނުމަށާއި، ބައިނަލްއަގްވާމީ މުޖުތަމައުން މިކަމުގައި ވަގުތުން ފިޔަވަޅު އަޅައި، ދާއިމީކޮށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ކުރެވޭ މަސައްކަތްތަކަށް ތާއީދުކުރުމަށްވެސް ރާއްޖެއިން ބާރުއަޅާފައިވެއެވެ.
ދިވެހި ސަރުކާރުގެ ބަޔާން ނިންމާލާފައިވަނީ ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް ރާއްޖެއިން ކުރާ ތާއީދު އާކުރަމުންނެވެ.
އެގޮތުން 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ފަލަސްތީނުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ރާއްޖެ އަބަދުވެސް ސާބިތުކަންމަތީ ދެމިއޮންނާނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.
