ހުޅުމާލޭ ފަޅުތެރެއަށް ވައިން ބާޖަކުން ޖެހި ލަކުޑި ޖެޓީގެ އުތުރު ފާލަމަށް ލިބުނު ގެއްލުންތައް މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ފަށައިފިއެވެ.
މި ހާދިސާގައި ލަކުޑި ޖެޓީގެ ސްޓްރަކްޗަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ އެޗްޑީސީގެ އެންމެ އިސް އަމާޒުކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.
މަރާމާތުގެ މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި އެ ޖެޓީގެ އުތުރު ފާލަން ވަގުތީގޮތުން ބަންދުކުރެވިފައިވާކަމަށްވެސް އެޗްޑީސީން ހާމަކޮށްފައިވެއެވެ.
ހުޅުމާލޭ ލަކުޑި ޖެޓީއަކީ ގިނަ އަދަދެއްގެ އާންމުންނާއި އުޅަނދުފަހަރުން ބޭނުންކުރާ މުހިންމު ތަނަކަށް ވާތީ، މަރާމާތުގެ މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި، އަލުން ހުޅުވާލުމަށް އެޗްޑީސީން އަންނަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.
ޖެޓީ ބަންދުކުރެވިފައިވާ މުއްދަތުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށްޓަކައި އެޗްޑީސީން ވަނީ މައާފަށް އެދިފައެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، އެ ކޯޕަރޭޝަނުގެ އަމާޒަކީ ހުޅުމާލޭގައި ގާއިމްކުރެވިފައިވާ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ވީހާވެސް ލުއިފަސޭހަ މަގަކުން ބައްޓަންކުރުމެވެ.
