ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ވެވުނު ވިޔަފާރީގެ ހާއްަސަ އެއްބަސްވުމުގެ ސަބަބުން، ދެ ގައުމުގެ އިގްތިސާދީ ގުޅުން އާ ހިސާބަކަށް ގޮސް، ދެ ގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަނަވަސްކަމާއި ފާގަތިކަން ލިބިގެންދާނެ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ރަސްމީކޮށް އަމަލުކުރަން ފެށި 'މޯލްޑިވްސް-ތުރުކީ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމަންޓް' (އެމްޓީޕީޓީއޭ) އަކީ ދެ ގައުމުގެ ވިޔަފާރީގެ ތާރީހުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު މޭލުގަލެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ދުރުވިސްނޭ ތަސައްވުރުގެ ނަތީޖާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ދަށުން 75 ބާވަތެއްގެ މުދަލުން ޓެރިފް ނުވަތަ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ނިންމާފައިވާކަމަށާއި، މީގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުން ހިމެނޭ ތުރުކީގެ ބޮޑު ބާޒާރަކަށް ފަސޭހަކަމާއެކު ވަނުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ތުރުކީގެ ފެންވަރު ރަނގަޅު އުފެއްދުންތަކާއި އަސާސީ މުދާ ހޯދުމުގައި ދިވެހި ވިޔަފާރިވެރިންނަށް ބޮޑެތި ލުއިތަކެއް ލިބި، އިގްތިސާދީ މަންފާ އިތުރުވެގެންދާނެއެވެ.

މިނިސްޓާ ސައީދު އިތުރަށް ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ކުރިމަގުގައި ވެސް އިގްތިސާދީ އެއްބާރުލުން ފުޅާކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި މި މަސައްކަތުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވެސް އޭގެ ހެޔޮލަފާ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަން މިނިސްޓާު ދެއްވިއެވެ.

މި އެއްބަސްވުމަކީ ރައީސް ޑރ. މުއިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކުގެ ތެރެއިން، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ހަރުދަނާކުރުމަށް އެޅުނު ވަރަށް ވަރުގަދަ ފިޔަވަޅެކެވެ.