ރާއްޖޭގެ އިންސްޓަންޓް ޕޭމަންޓް ސިސްޓަމް "ފަވަރަ" އާއި އިންޑިއާގެ "ޔުނިފައިޑް ޕޭމަންޓްސް އިންޓަފޭސް" (ޔޫޕީއައި) ގުޅާލައި، ސިކުންތުކޮޅެއްގެ ތެރޭގައި އިންޑިއާއަށް ފައިސާ ފޮނުވޭ ޚިދުމަތް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މަރުކަޒީ ބޭންކުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ހިދުމަތް ފައްޓަވައިދެއްވީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ޖީ. ބާލަސުބްރަމާނިއަން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ހިދުމަތް ރާއްޖޭގައި އަލަށް ފަށާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާ އެކުގައެވެ. މިއާއެކު، މި ދެ ބޭންކުގެ ކަސްޓަމަރުންނަށް އިތުރު އެޕްލިކޭޝަނެއް ބޭނުންކުރުމަކާ ނުލައި، އެ ބޭންކެއްގެ މޮބައިލް އެޕް ނުވަތަ އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޑިއާގެ ޔޫޕީއައި ބޭނުންކުރާ އެކައުންޓްތަކަށް ސީދާ ފައިސާ ފޮނުވޭނެއެވެ. މި ނިޒާމުގެ ދަށުން ފައިސާ ފޮނުވާ ފަރާތުން ދިވެހި ރުފިޔާ ނުވަތަ އެމެރިކާ ޑޮލަރުން ފައިސާ ދެއްކުމުން، ފައިސާ ލިބޭ ފަރާތުގެ އިންޑިއާ ބޭންކު އެކައުންޓަށް ވަގުތުން ފައިސާ ޖަމާވާނީ އިންޑިއާ ރުޕީސް (އައިއެންއާރް) އިންނެވެ. އެމްއެމްއޭއިން ހާމަކުރާ ގޮތުގައި މިއީ ރާއްޖޭގެ ބޭންކް އެކައުންޓަކުން ހަމަ އެ ބޭންކުގެ އެހެން އެކައުންޓަކަށް ފައިސާ ފޮނުވުން ފަދަ ފަސޭހަ އަދި ރައްކާތެރި މުއާމަލާތެކެވެ.

މި ހިދުމަތަކީ 24 ޖުލައިގައި އެމްއެމްއޭ އާއި އިންޑިއާގެ ނޭޝަނަލް ޕޭމަންޓްސް ކޯޕަރޭޝަންގެ ބައިނަލްއަގްވާމީ ގޮފި، އެންޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް (އެންއައިޕީއެލް) އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ފެށި ހިދުމަތެކެވެ. މި މަޝްރޫއަކީ އެމްއެމްއޭ، ޕޭމަންޓް މޯލްޑިވްސް، ރިޒާވް ބޭންކް އޮފް އިންޑިއާ އަދި ދެ ގައުމުގެ މާލީ އިދާރާތަކުން ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. އެންއައިޕީއެލް އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން މިފަދަ ހިދުމަތެއް މިހާ އަވަހަށް ފެށި ފުރަތަމަ ގައުމަކީ ވެސް ދިވެހިރާއްޖެއެވެ. މިއީ ރާއްޖޭގެ އަމިއްލަ ޕޭމަންޓް އިންފްރާސްޓްރަކްޗާއެއް ބައިނަލްއަގްވާމީ ނިޒާމަކާ ގުޅާލެވުނު ފުރަތަމަ ފަހަރެވެ. އިންޑިއާގެ ޔޫޕީއައި ނިޒާމާ ބައިނަލްއަގްވާމީ ގޮތުން ގުޅާލި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ވަނީ ހިމެނިފައެވެ. މީގެ ކުރިން މިފަދަ ގުޅުމެއް ގާއިމުކޮށްފައި ވަނީ ހަމައެކަނި ސިންގަޕޫރާއި ނޭޕާލުގައެވެ.

ޔޫޕީއައި އަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޑިޖިޓަލް ޕޭމަންޓް ނިޒާމެވެ. ފާއިތުވި އަހަރާއި މިއަހަރުގެ މިހާތަނަށް މި ޕްލެޓްފޯމް މެދުވެރިކޮށް 3.56 ޓްރިލިއަން އެމެރިކާ ޑޮލަރުގެ މުއާމަލާތް ހިންގާފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް 757 މިލިއަން މުއާމަލާތެވެ. މި ހިދުމަތް ތައާރަފުކުރަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިހާރު ފަށާފައިވާ ފުރަތަމަ ފިޔަވަހީގައި ހިމެނެނީ އަމިއްލަ ފަރުދުންގެ މެދުގައި ކުރެވޭ (ޕީ2ޕީ) މުއާމަލާތްތަކެވެ. ދެވަނަ ފިޔަވަހީގައި ވިޔަފާރިތަކަށް ފައިސާ ދެއްކޭނެ (ޕީ2އެމް) ނިޒާމު ތައާރަފުކުރުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.

މިވަގުތު މި ހިދުމަތް މެދުވެރިކޮށް ފައިސާ ފޮނުވޭނީ ތައުލީމީ ހަރަދުތަކާއި، ބޭސްފަރުވާގެ ހަރަދާއި، އާއިލީ ބޭނުންތަކަށެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް މަހަކު ފޮނުވޭނީ ގިނަވެގެން 24,000 އިންޑިއާ ރުޕީސް (ގާތްގަނޑަކަށް 250 ޑޮލަރު) އެވެ. ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ލިބޭ ފަރާތުގެ އެކައުންޓްގެ ސައްހަކަން ކަށަވަރުކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފައި ކަމަށް އެމްއެމްއޭ އިން ބުނެއެވެ. އެމްއެމްއޭއިން ދެކޭގޮތުގައި މިއީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޑިޖިޓަލް ޕޭމަންޓް ނިޒާމުތަކާ ރާއްޖެ ގުޅާލުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން އާންމު ފަރުދުންނަށް އަވަސް، ލުއިފަސޭހަ އަދި އަގުހެޔޮކޮށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެއެވެ.